އެންޓި ކޮރަޕްޝަން ކޮމިޝަނުގައި މައްސަލައެއް އޮތުމުން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން އަންގައިފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވައި މިރޭ މަހުލޫފަށް ފޮނުވި ސިޓީއެއްގައި ވަނީ ގައުމީ ހިންގާ ކޮމިޓީން މީގެކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުހަމަވޭތޯ ބެލުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް ފޮނުވުމުން މަހުލޫފްގެ މައްސަލައެއް އޮތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން މީގެކުރިން ފާސްކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ނެރޭ ހިޔާނާތުގެ ލިސްޓެއްގައި ނަން އޮތް މީހަކަށް ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން މަހުލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާފައެއް ނުވެއެވެ.
އެކަމާ ގުޅިގެން މަހުލޫފް ވަނީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. މަހުލޫފް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކޮށްފިނަމަ ދައުލަތް އޮރިޔާންވާނެ ކަމަށެވެ. އަދި އޭސީސީގެ ރައީސް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހްމަދު އަސްއަދުގެ ނަޒާހަތްތެރިކަން ގެއްލޭ ފަދަ ޗެޓްލޮގްތަކެއް އޭނާގެ އަތުގައި ހުރި ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.