ކޮމަންވެލްތާ އަލުން ގުޅުމަށްފަހު ބޭއްވި ފުރަތަމަ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފި އެވެ.
ވަާޗުއަލްކޮށް މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިނގިރޭސި ޚާރިޖީ ވަޒީރުން ޑޮމިނިކް ރާބް އެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ރާއްޖެއިން ކުރި މަސައްކަތަށް ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުންނާއި އަދި ސެކްރެޓަރީ ޖެނެރަލް ކުރެއްވި މިންނެތް މަސައްކަތް ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވި އެވެ. އަދި ކޮމަންވެލްތަކީ ކުދި ގައުމުތަކުގެ އަޑު އިއްވާ، އެ އަޑު އަހާ ޖަމްއިއްޔާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ކޮމަންވެލްތު ވަލްނަރަބަލިޓީ އިންޑެކްސްއަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައި، ކޮވިޑް-19ގެ ސަބަބުން ކުދި ގައުމުތަކަށް ލިބުނު ގެއްލުންތަކާއި މޫސުމީ ބަދަލުތަކަށް ރިއާޔަތްކުރެވޭ ގޮތަށް، އެބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް އިތުރުކަމަށާއި އެ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ހޯދަން ޖެހޭކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ ކޮމަންވެލްތުން މެމްބަރު ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޑިޒާސްޓާ ރިސްކް ފައިނޭންސް ޕޯޓަލްއެއް ގާއިމްކުރި ކަމާއި ބައިނަލްއަގުވާމީ މާލީ ބާޒާރުން މެމްބަރު ގައުމުތަކަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރިކަން ފާހަގަކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކޮމަންވެލްތާއެކު ކުރިއަށް އޮތްތަނުގައި ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ވައުދުފުޅާ އެއްގޮތަށް ކޮމަންވެލްތާއި ދިވެހިރާއްޖެ އަލުން ގުޅުނީ މިއަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު އެވެ.