ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުން ފައިބާ ގެސްޓުން ޓާމިނަލުން ނުކުންނަން އެތައް ގަޑިއިރެއް ހޭދަވާތީ ޓޫރިސްޓުން ޝަކުވާކުރަން ފަށައިފި އެވެ.
މާލެ ކައިރީގައި އޮންނަ ލަގްޒަރީ ރިސޯޓެއްގެ އެއާޕޯޓު ރެޕަކު މިއަދު ބުނީ ހަވީރު ތިނެއްގެ ފަހުން ޖައްސާ އެއްވެސް ފްލައިޓަކުން އަންނަ ޓޫރިސްޓުން ޓާމިނަލުން ނުކުންނަން މަދުވެގެން ދެގަޑިއެއްހާއިރު ހޭދަވާ ކަމަށެވެ.
"ހަވީރު ތިނެއްގެ ފަހުން ހަތަރު އެއާލައިން އެބަ ޖައްސާ. އެ ފްލައިޓްތަކުން އަންނަ ޓޫރިސްޓުން ފަހެއްގެ ކުރިން ގެސްޓުން ޖެހޭނެ ސީޕްލޭން ކައުންޓަރަށް ދާން. އެކަމަކު މިހާރު ކޮންމެ ދުވަހަކު އެތައް ޓޫރިސްޓުންނަށް ލަނޑު އެލިބޭ ނުނިކުމެވި ލަސްވުމުން،" އޭނާ ބުންޏެވެ.
ޓާމިނަލުން ޓޫރިސްޓުން ނުނިކުމެވި ލަސްވާ އެންމެ ބޮޑު ސަބަބެއް ކަމަށް އެ ރެޕް ފާހަގަކުރީ އެއާޕޯޓުގެ އިމިގްރޭޝަންގެ ކައުންޓަރު ލަސްވުމެވެ.
"އެންމެ ބޮޑު މައްސަލައަކީ އިމިގްރޭޝަން ކިޔޫތައް ލަސްވުމުން. އިމިގްރޭޝަނުން ބުނެފާނެ މިހާރު ސްލޯވެގެން އުޅެނީ އިންޑިއާ މީހުން އަންނާތީ ކަމަށް. އެކަން އެނގިގެން އެކަން ކުރިއާލައި ހައްލުކުރަން ޖެހޭނެ،" އެއާޕޯޓުގެ އެހެން ރެޕަކު ބުންޏެވެ.
އޭނާ ބުނީ އެއާޕޯޓުގެ އިންތިޒާމްތައް ވަރަށް ބޮޑަށް ބޮއްސުންލާފައިވާ ކަމަށެވެ.
"ހާއްސަކޮށް އިމިގްރޭޝަންގެ ދެބައިކުޅަ އެއްބައި ކައުންޓަރުގައި މީހުން ތިބެނީ. ދިހަ ކައުންޓަރު ހުންނަ ކަމަށްވަންޏާ ފަސް ކައުންޓަރުގައި މީހުން ތިބެނީ. ގަސްދުގައި ސްޓާފުން އޮފީހަށް ނުނުކުމެ ތިބޭ. ކަންކަން މަޅިއަރުވަން ބޭނުންވާ މީހުން އެތަނުގައި އެބަތިބި،" އެ ރެޕް ބުންޏެވެ.
އެއާޕޯޓުގެ ރެޕުން ދެން ފާހަގަކުރި މައްސަލައަކީ އެއާޕޯޓުގެ އެރައިވަލް ހޯލުގައި ލަގެޖް ބެލްޓް މަދުވުމެވެ.
"ލަގެޖް ނަގަން ދާއިރު ހަތަރު ބެލްޓް މި ހުންނަނީ. ފްލައިޓް ތިނެއް ޖަހާއިރު ޖައްސާއިރު އިމިގްރޭޝަނުން ނިމި ލަގެޖް ހިފައިގެން ގެސްޓުންނަށް ހައެއްގެ ކުރިން ނުނިކުމެވޭ،" އޭނާ ބުންޏެވެ. "ގެސްޓުން ޝަކުވާ ވަރަށް ބޮޑު. ނުކުންނައިރު ތިބެނީ ވަރަށް ރުޅިގަދަވެފައި."
އެއާޕޯޓުގެ ޓާމިނަލުން ނުކުންނައިރު ސީޕްލޭން ނުފުރޭ ގެސްޓުންގެ އަދަދު ކޮންމެ ދުވަހަކު އިތުރުވަމުން އަންނަކަން އެއާޕޯޓުގެ ރެޕުން ފާހަގަކުރެ އެވެ.
"ސީޕްލޭނުން ނުފުރޭ ބައެއް ގެސްޓުން ޑޮމެސްޓިކް ފްލައިޓްތަކުން ފުރުވާލަން މަސައްކަތްކުރޭ. ދެން އެ ފްލައިޓްތަކުން ޖާގަ ނުލިބޭ މީހުން ގެންދަން ޖެހެނީ މާލޭގެ ޖެން ކަހަލަ ހޮޓަލަކަށް،" އެ ރެޕް ބުންޏެވެ. "އެ ހިސާބުން މުޅި އިމޭޖް ގޯސްވޭ."
އެއާޕޯޓުގެ ރެޕުން ގަބޫލުކުރާ ގޮތުގައި އެއާޕޯޓުގައި ބޮއްސުންލާފައިވާ މައްސަލަ ހައްލުވާނީ މުވައްޒަފުން މަދުވެފައިވާ ޖާގަތައް ފުރައިގެން ކަމަށެވެ.
"މީހުން ނެތް ތަންތަނަށް މީހުން ލައިގެން މިކަންކަން ހައްލުވާނީ. ގަޑިއެއްހާއިރު ތެރޭގައި މީހުންނަށް ޓާމިނަލުން ނުކުމެވެން ޖެހޭ. މިއީ އާދައިގެ ގައުމެއް ނޫން. މިއީ ލަގްޒަރީ ޑެސްޓިނޭޝަން،" އޭނާ ބުންޏެވެ.
އެއާޕޯޓުގައި މަސައްކަތްކުރާ ރެޕުން ބުނިގޮތުގައި ޓޫރިސްޓުންނަށް ދޭން ޖެހޭ ހިދުމަތްތައް ބޮއްސުންލާފައި ވަނީ އިމިގްރޭޝަނާއި އެމްއޭސީއެލް ފެއިލްވުމުންނެވެ.
"އެވްރެޖްކޮށް ދެ ގަޑިއިރު އެބަ ނަގާ ޓޫރިސްޓުން ޓާމިނަލުން ނުކުންނަން. މިއީ ރާއްޖެ ކަހަލަ ގައުމެއްގައި މިކަން ވެގެންވާނެ ގޮތެއް ނޫން،" އެ ރެޕް ބުންޏެވެ.
ވެލާނާ އެއާޕޯޓުގެ ކަންކަން ބޮއްސުންލާފައިވާ ކަމެއް އިމިގްރޭޝަނުން ގަބޫލެއް ނުކުރެ އެވެ.
"އެއާލައިންތަކާއި ވާހަކަ ދައްކައިގެން އިތުރަށް މިކަންކަން ފަސޭހަ ކުރެވޭނެ ގޮތްތަކާއި މެދު ވާހަކަ ދެކެވެމުން [ދަނީ]. ޕެސެންޖަރުން ރާއްޖެ އެތެރެވާއިރުގައި އިމިގްރޭޝަން ކައުންޓަރާއި ހަަމައަށް އައުމުގެ ކުރީން، ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގައި އެއާލައިނުގެ ވަރަށް ބޮޑު ރޯލެއް އަދާކުރަން އޮވޭ،" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރު ޖެނެރަލް މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވި އެވެ. "ދެން ވަރަށް ބޮޑަށް މެނުއަލީ ވޯކް ތަކެއް އައީމަ، ތަރޯކޮށް ޗެކް ކުރަންވީމަ ތަންކޮޅެއް ޓައިމް ދަނީ. ހަމަ 45 ސިކުންތު، އެއީ އަޅުގަނޑުމެންގެ ސްޓޭންޑާޑް އަކީ ކުރީގަ ވެސް. 45 ސިކުންތަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި [މިހާރު ވެސް] އާންމުކޮށް ޕްރޮސެސް ކުރެވޭ."
ހަނަފީ ވިދާޅުވީ، އެއާޕޯޓުގައި ޓޫރިސްޓުން ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ. މީގެ އިތުރުން ޓޫރިސްޓުންނަށް ލުއިކޮށްދިނުމަށް އިމިގްރޭޝަން ޕޯޓަލް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުންފުނީގައި 275މީހުން ގެ ވަޒީފާގެ ފުރުސަތު އެކިސަބަބުތަކާއި ހެދި ހުސްވެފައި، މުޅިންވެސް އޮޕަރޭޝަނަލް އޭރިއާތަކުން ދިވެހި ވަޒީފާތައްވަނީ ހުސްވެފައި. މި 275 ދިވެހީންގެ ވެއްދުމުގެ ބަދަލުގައި މުސާރައަށް ކުރާ ހަރަދު މިވަގުތު ގެނެސްފައި ބޭރު 6މީހަކަށް އެކަނި ކުރަމުން ގެންދަނީ .....
ސީއީއޯ އަދި ބޭރު ހުރިހާ މީހުން ސަމަރ ބްރޭކް އަށް ދިޔުމުންވެސް ބަރާބަރަށް މުސާރަހިގާ އޮންލައިންކޮށް މީޓިންގްްބާއްވާތީ، މިފަހަރު ސަމަރބްރޭކްގައި ވަރަށް ގިނަ ދޮންމީހުން/ރައްޓެހިން ގެންނަން އިންޓަވިޔުތައްވެސް ބޭވިކަމަށް މައުލޫމާތުލިބޭ، މުޅިންވެސް މޮޅު ފެސިލިޓީސް މެނިންޓަނަންސް މީހަކު ގެނެސް އޭނަގެދަށުން އިތުރު 5 ބޭރުމީހުން ލައިގެން ހިންގަން ރާވައިލައިފއަިވަނީ، ހުރިހާ ދިވެހިން ދުރުކުރުމަށް ފަހު ... އެއްވެސް ދިވެއްސަކަށް އިތުބާރު އެއް ނުކުރޭ.
ދިވެހިންގެ އެއަރޕޯރޓްގެ ހާލަތު މިއިންދުވަހަކު ދަށަށް ނުދާވަރަށް ހިދުމަތްތައް ވަނީ ދައްވެފައި، ހާއްސަގޮތެއްގައި ރޭމްޕް ގެ މަސައްކަތް، ރޭމްޕް ހިންގަން ނޭގުމުން ކާގޯ ހިންގާ މީހާގެންގޮސް އެތަން ހަވާލުކޮށް މޫނުމަތި ރީތިކޮށްލީ، ދުވަހުން ދުވަހަށް ތަފާތު އެކި އިންސިޑެންޓްސް ހިގަމުން ދަނީ، ނުރައްކަލަކަށް ވެއްޓުމުގެ ފައްތަރެއްގައި. ސިވިލް އޭވިއޭޝަން ނިދާފައި ... އެކަށީގެންވާވަރަށް ޓްރެއިން ނުދެވި އަދި ރިކަރަންޓް ޓްރެއިނިންގެ ނުދެވޭތީ ނުރައްކާ ފައްތަރެއްގައި