ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ހާލަތު ރަނގަޅު ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާ ކުރިމަތީގައި ޖާބިރު މިއަދު ކުރެއްވި އިހްތިޖާޖާ ގުޅިގެން ގިނަ ބަޔަކު ފާޑުކިޔުން ޖާބިރުއަށް އަމާޒުވުމާ ގުޅިގެން އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މެމްބަރު ޖާބިރު އާއެކު ވަގުތު ކޮޅެއް ހޭދަކުރެއްވި ކަމަށާއި އޭނާގެ ހާލު ރަނގަޅު ނޫން ކަމަށެވެ. އަދި ޖާބިރުއަށް އަވަސް އެހީތެރިކަމެއް ބޭނުންވާ ކަމަށް ވެސް އުޝާމް ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން އުޝާމް ވިދާޅުވީ އެއްވެސް މީހަކު ޖާބިރުއަށް ފުރައްސާރަކޮށް ހީހަދައިގެން ނުވާނެކަމަށާއި އަދި އެފަދައިން އަމަލު ކުރަން ހިތްވަރުދީގެން ވެސް ނުވާނެ ކަމަށެވެ.
ޖާބިރުގެ ހާލަތު ގޯސްވީ ކިހިނެއް ކަމެއް އުޝާމްގެ ޓުވީޓްގައި ފާހަގަ ކުރައްވާފައެއް ނުވެ އެވެ.
މިއަދު މަޖިލީހުގެ އިދާރާ ކުރިމަތީގައި ޖާބިރު އިހްތިޖާޖު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައްވަމުންނެވެ.
ޖާބިރު އިހްތިޖާޖު ކުރައްވަމުން ދިޔަ ވަގުތު އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން ޖާބިރު އެތަނުން ގެންދިއުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ޖާބިރު އެތަނުން ވަޑައިނުގެންނެވުމުން ދިޔާނާ ވަނީ ފަހުން އެސަރަހައްދު ދޫކުރައްވާފަ އެވެ.
ޖާބިރު ގިނިކަންޏާ އިހްތިޖާޖު ކުރައްވަމުން ގެންދެވިއިރު އެއްވެސް މީހަކު ޖާބިރަށް ހުރަސް އަޅާފައެއް ނުވެ އެވެ. އިރުކޮޅަކު އިހްތިޖާޖު ކުރުމަށްފަހު ޖާބިރު ވަނީ އެ ސަރަހައްދު ދޫކުރައްވާ، ވަޑައިގެންފަ އެވެ.
ޖާބިރު މަޖިލިސް ކުރިމަތީ އިހްތިޖާޖް ކުރެއްވިއިރު، އޭނާގެ ޕާސްޕޯޓު ވަނީ ސިވިލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.