އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ މިނިވަންކަމާއި ހަމަހަމަ ކަމުގެ ނަމުގައި އަމިއްލަ ފައިދާއަށް މަންފާތަކެއް ހާސިލުކުރަން ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނުގައި ވަނީ ދިވެހީންނަކީ ހަރުކަށި ފިކުރުގެ ބައެއްގެ ގޮތުގައި ދުނިޔެއަށް ދެއްކުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ރައީސް ނަޝީދުގެ އަމަލުތައް އަދާލަތު ޕާޓީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އެ ޕާޓީން ބުނީ ނަފްރަތުގެ އަމަލުތަކަކީ ކުށެއް ކަމުގައި ބަޔާންކުރަން ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރަނީ އެމްޑީޕީން އެކަނި ކަމަށެވެ.

އެ ބިލުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭއިރު، ރަޕްޝަނާ ދެކޮޅަށް ބަސްބުނެ އިސްލާމީ އުސޫލުތަކުގެ މަތީގައި ދެމިތިބުމަށް އެ ޕާޓީން މަސައްކަތް ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

އަދާލަތު ޕާޓީން ބުނީ 2015 ވަނަ އަހަރު އެމްޑީޕީ އާއި ޖޭޕީ އާއި އެމްއާރުއެމް އާއެކު އެ ޕާޓީން ކޯލިޝަން ހެދީ އެއިރުގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމާމެދު ހިތްހަމަ ނުޖެހުމުން ގައުމު ހަމަމަގަށް އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.

ހަމައެހެންމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ރޭހަށް ނުކުމެވަޑައިގަތީ ކޯލިޝަނަކާއެކު ކަމަށް ވެސް އެ ޕާޓީން ވަނީ ރައީސް ނަޝީދަށް ހަނދާންކޮށްދީފަ އެވެ.

އަދާލަތު ޕާޓީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ އެ ޕާޓީގެ ސަބަބުން ސަރުކާރަށް ލިބުނު ފައިދާއެއް ނެތް ކަމަށް ވިދާޅުވެ ރައީސް ނަޝީދު މިއަދު އިނގިރޭސިބަހުން ބަޔާނެއް ނެރުއްވުމުންނެވެ.