ޕޯޓް އޮ ޕްރިންސް (11 ޖުލައި) - މިދިޔަ ބުދަ ދުވަހު އަވަހާރަކޮށްލި ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސްގެ އަނބިކަނބަލުން މާޓިން މޮއިސް އެ ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް އާއްމުންނަށް މެސެޖެއް ދެއްވައިފި އެވެ.
އެކަމަނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އާއްމުކުރި އޯޑިއޯ މެސެޖުގައި މާޓިން ވަނީ ޖޮވެނެލްގެ މަރަށްފަހު ގައުމުގެ ކަންތައްތައް ބޮއްސުންލިޔަ ނުދިނުމަށް އާއްމުންނަށާއި ސަރުކާރު ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުގެ ކިބައިން އެދިފަ އެވެ.
މާޓިން މިހެން ބުނެފައި ވަނީ ޖޮވެނެލްއަށް ފަހު އެ ގައުމުގައި ވެރިކަންކުރާނެ ފަރާތަކާމެދު ސުވާލު އުފެދިފަ އެވެ. އެ ގައުމުގެ ގާނޫނު އަސާސީގައި މިފަދަ ހާލަތެއްގައި ވެރިކަމަށް އިސްވާނީ ބޮޑުވަޒީރުކަމަށް ލިޔެފައި އޮތަސް މިހާރު އެ މަގާމުގައި ހުރި ޖޯސެފު ކްލޯޑުގެ ދައުރު ހަމަވެ، އާ ބޮޑުވަޒީރެއްގެ ގޮތުގައި އޭރިއަލް ހެންރީ ވަނީ އިސްކުރެވިފަ އެވެ.
ނަމަވެސް ހެންރީ ރަސްމީކޮށް ބޮޑުވަޒީރުކަމުގެ ހުވާ ކޮށްފައި ނުވާތީ އެ ގައުމުގައި ވެރިކަމާހެދި ތަޅާ ފޮޅަން ވަނީ ފަށާފަ އެވެ.
މާޓިންގެ މެސެޖުގައި އެކަމަނާ ވިދާޅުވީ އެ ކަމަނާގެ ފިރިކަލުން އަވަހާރަ ކޮށްލެވުނީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ކަމަށާއި އެ ހަމަލާއިން ސަލާމަތް ވީތީ ޝުކުރުވެރިވާ ކަމަށެވެ.
ހަތިޔާރު އެޅި ޖަމާއަތަކުން ދިން ކަމަށް ތުހުމަތު ކުރެވޭ މި ހަމަލާގައި މާޓިންއަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ވަތީ އޭނާ ވަނީ ހެއިޓީގެ ހޮސްޕިޓަލެއްގެ އިތުރުން ފްލޮރިޑާގެ މިއާމީގައި ހުންނަ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފަ އެވެ.
މާޓިން އިތުރަށް ވިދާޅުވީ މިއީ އެކަމަނާއަށާއި މުޅި ގައުމަށް ވެސް ހިތާމަވެރި ވަގުތެއް ކަމަށާއި މި ވަގުތުގައި އިސްކުރަންވީ މަޑުމައިތިރިކަމާއި ގައުމިއްޔަތު ކަމަށެވެ. -- އަލްޖަޒީރާ