ބޮގޯޓާ (09 ޖުލައި) - ބަޑިން ހަމަލާދީ ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލުމުގައި އިސްކޮށް ހަރަކާތްތެރިވީ ހަތިޔާރު އެޅި ޖަމާއަތަކަށް ނިސްބަތްވާ ކޮލަމްބިއާ ބަޔަކު ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެ މީހުން ހެއިޓީއަށް އެތެރެވެފައި ވަނީ އަވަށްޓެރި ޑޮމިނިކަން ރިޕަބްލިކްގެ މަގުން ކަމަށާއި ހަމަލާ ދިނުމުގެ ކުރިން، އެއްމަސް ދުވަސް އެ ގައުމުގައި ހޭދަ ކޮށްފައިވާ ކަމަށް ކޮލަމްބިއާގެ އަސްކަރިއްޔާއިންނާއި ފުލުހުން ވަނީ ބުނެފަ އެވެ.
އުމުރުން 53 އަހަރުގެ ޖޮވެނެލް އަވަހާރަ ކޮށްލާފައި ވަނީ ގެކޮޅުގައި އުޅުއްވަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު އެވެ. މި ހަމަލާގައި ޖޮވެނެލްގެ އަނބިކަނބަލުންނަށް ވެސް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެ އެވެ.
މި ހަމަލާއަކީ ބޭރުގެ ޖަމާއަތަކުން ދިން ހަމަލާއެއް ކަމަށް ހެއިޓީގެ އިދާރާތަކުން ބުނާއިރު، އެ އިދާރާތަކުން ވަނީ ހަމަލާގައި ތުހުމަތު ކުރެވޭ ކޮލަމްބިއާގެ 26 މީހުންނާއި ހެއިޓީއަށް ނިސްބަތްވާ އެމެރިކާ ނަސްލުގެ ދެ މީހަކު ފާހަގަކޮށްފަ އެވެ.
މީގެ ތެރެއިން 17 މީހަކު ވަނީ ވަރުގަދަ ބަޑީގެ ހަމަލާ ބަދަލުކުރުންތަކަކަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި އެ އޮޕަރޭޝަންގައި އިތުރު ތިން މީހަކު ވަނީ ހަމަލާތަކުގައި މަރުވެފަ އެވެ. މީގެ އިތުރުން ތުހުމަތު ކުރެވޭ އިތުރު ހަ މީހެއްގެ ރިޕޯޓް ހެއިޓީން ވަނީ ކޮލަމްބިއާއަށް ފޮނުވާފަ އެވެ.
ކޮލަމްބިއާގެ އިދާރާތަކުން ބުނީ އޭގެ ތެރެއިން ދެ މީހަކު މަރުވެފައިވާ ކަމަށާއި ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ހުރިހާ މީހުންނަކީ ވެސް އެ ގައުމުގެ އަސްކަރިއްޔާގެ ކުރީގެ ކޮމާންޑަރުންކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.
ޖޮވެނެލް މަރާލުމުގެ ފަހަތުގައި ވަނީ ކޮން މަގްސަދެއް ކަމެއް އަދި މިހާތަނަށް އެނގިފައި ނުވާއިރު، މިއީ ސިޔާސީ ބޭނުމެއް ހާސިލްކުރަން ބަޔަކު އަޑީގައި ތިބެގެން ރޭވި ރޭވުމެއްކަމަށް އެ ގައުމުގެ އިދާރާތަކުން ތުމުހަތުކުރެ އެވެ. – ރޮއިޓާސް