ގިނަ ދުވަސްތަކަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މެންދުރު ފަހު މުލިއާގޭގައި ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ "ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް" ކަމަށެވެ.
"ދާދި ދެންމެ އަޅުގަނޑުމެން ބައްދަލުކުރިން. ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރިން،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19 އާއި އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖްލިސްއެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން އެ ބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށެވެ.
ގިނަ ދުވަސްތަކަށްފަހު ރައީސް ސޯލިހާއި ނަޝީދު ބައްދަލުކުރެއްވިއިރު، ނަޝީދު ވަނީ ދާދިފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް މަސައްކަތްކުރައްވައިފަ އެވެ. އަދި ނަޝީދު ވަނީ ފައްޔާޒު މަގާމުން ވަކިކުރެއްވުމަށް ވެސް ގޮވާލައްވައިފަ އެވެ. ނަމަވެސް އެކަމަށް ރައީސް ސޯލިހު އިޖާބައެއް ނުދެއްވައި ވިދާޅުވީ ފައްޔާޒުގެ ދިފާއުގައި މަސައްކަތްކުރައްވާނެ ކަމަށެވެ.
ރައީސް ސޯލިހާއި ނަޝީދުގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑު ފެތުރި، އެމްޑީޕީގެ އެ ތެރޭގައި ދެ ބޭފުޅުން ވަކި ދެ ފެކްޝަނެއް ހަދައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ އަޑު ފެތުރިފައިވެ އެވެ. އަދި މަޖިލީހުގެ ތެރޭގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ގެންދަވަނީ ފާޅުގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ނަޝީދު ވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ތާއީދު ކުރެއްވި ނަމަވެސް އެމަނިކުފާނަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.