ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭ ބަންދުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ހިންގަވާ ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ދޮގު ކޮށްފި އެވެ.
ކޮވިޑް-19 ގެ ހާލަތު ގޯސްވެ މާފުށީ ޖަލުން ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމުން ރައްކާތެރި ކަމަށްޓަކައި ރައީސް ޔާމީން ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ.
ގޭ ބަންދުގައި ހުންނަވައިގެން ރައީސް ޔާމީން ސިޔާސީ ހަރަކާތްތައް ހިންގަވާ ކަމަށާއި ޕީޕީއެމްގެ ލީޑާޝިޕް ގޫރޫޕްތަކާއި ޕާޓީގެ ކައުންސިލު ގުރޫޕްތަކުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާ ވީޑިއޯ ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ބުނެ ރާއްޖެ ޓީވީން ވަނީ ހަބަރު ފަތުރާފަ އެވެ.
ވަކީލުންގެ ޓީމުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ވަކީލުން ވިދާޅުވިގޮތުގައި ގޭބަންދަށް ބަދަލުކުރިއިރު، ކަރެކްޝަނަލް ސާވިސް އިން އެމަނިކުފާނަށް ހުއްދަދީފައި ވަނީ ފޯނު ބޭނުންކުރުމަށް އެކަންޏެވެ.
ޕާޓީގެ ވަޓްސްއަޕް އަދި ވައިބާ ގުރޫޕްތައް ބޭނުން ކުރުމުގެ ހުއްދައަށް އެދިވަޑައިގަތުމުން އެ ހުއްދަދީފައި ނުވާތީ، އެފަދަ ވަސީލަތްތައް އެމަނިކުފާނު ބޭނުންފުޅު ނުކުރައްވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެފަދަ ވާހަކަތައް ފަތުރަނީ ފިތުނަ އުފައްދަންކަން ފާހަގަކުރައްވައި ދޮގު ހަބަރުތައް ފަތުރާނަމަ އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.