ތަފާތު އެކި ވައްތަރުތަކުގެ އަގުބޮޑު ދަބަހަށް ލޯބިކުރާ ފަރާތްތަކަށް އާމެޒް އޭ ބުނުމުން ގައިމުވެސް އާ ނަމަކަށް ނުވާނެ އެވެ. އާމެޒް އޭ ބުނެފިނަމަ އޭގެއިން ރަމްޒުކޮށްދެނީ ވެސް ކޮލިޓީ ރަގަޅުކަމާއި މޮޅުކަމާއި ފުރިހަމަކަން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
މީގެ އިތުރުން ހާމިސް ބަކިން ދަބަހަކީ ސްޓޮކް މާކެޓްގައި ރަނަށް ވުރެ ރަގަޅު އިންވެސްޓްމެންޓެއް ކަމަށް ވަނީ ބެލެވިފަ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ދަބަހަކީވެސް އާމެޒްގެ ބަކިން ދަބަހެކެވެ. އެއީ ހިމާލިޔަން ބާކިން ބޭގްގެ ނަން ދެވިފައިވާ 500،000 ޑޮލަރުގެ އަގުހުރި ދަބަހެކެވެ.
އެހެންކަމުން އާމެޒް ދަބަސްތައް މިހާ އަގުބޮޑުވަނީ ކީއްވެ ކަމާއިމެދު ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދެ އެވެ.
މީގެ ޖަވާބު ފެށޭނީ މި ދަބަހުގެ ނަމުގެ އަސްލު ކަމަށްވާ ޖޭން ބަކިންއާ ހިސާބުންނެވެ. ޕެރިހުން ފުރައިގެން ލަންޑަނަށް ދިޔަ ފްލައިޓެއްގައި ޖޭން އާއި ޖެހިގެން ހުރި ސީޓުގައި އިނީ އާމެޒްގެ ޗީފް އެގްޒެކެޓިވް ކަމަށްވާ ޖޯން-ލުއީ ދަމާސް އެވެ.
ދަތުރުމަތީގައި ދަބަހެއްގެ ބަދަލުގައި ޖޭން ގެންގުޅުނީ މަތި ޖެހޭ ބާސްކެޓެކެވެ. އެއީ ތަރުކާރީން ފެށިގެން ފެށިގެން ލާ ހެދުމަށް ދާންދެން އުފުލުމަށް ވެސް ޖޭން ބޭނުންކުރާ ބާސްކެޓެވެ. އެ ބާސްކެޓް ބޮޑުކަމުން ފްލައިޓްގެ އޯވަހެޑް ކޮމްޕާޓްމެންޓްއަށް ނުލެވެ އެވެ. އަދި މިކަމުގެ ތެރޭގައި ބާސްކެޓްގެ މަތިގަނޑު ނެއްޓި އޭގެ ތެރޭގައި ހުރި އެއްޗެހި ފްލައިޓް ތެރެއަށް ފޭބި އެވެ.
މިކަމުގެ ޝަކުވާ ޖޭން ކުރީ އެނާގެ ކައިރި ސީޓުގައި އިން ދަމާސް އާއި އެވެ. އެގޮތުން އޭނާ ގަޔާވާ ކަހަލަ ދަބަހެއް ހޯދަން އުޅެ އުޅެ ނުލިބުނު ކަމަށް ބުންޏެވެ. އެހިސާބުން ދަމާސް އެނާއަކީ އާމެޒްގެ ވެރިޔާގެ ގޮތުގައި ޖޭންއަށް ތައާރަފުވި އެވެ. އަދި ދަތުރުމަތީގައި ދެ މީހުން ގުޅިގެން ފްލައިޓްގައި ހުންނަ އެއާ ސިކްނެސް ބޭގެއްގެ ފަހަތުގައި ޖޭންއަށް ކަމުދާނެ ވައްތަރުތަކުގެ ތަފާތު އެކި ވައްތަރުތަކުގެ ދަބަސްތައް ކުރެހި އެވެ.
އޭގެ އަހަރެއްހާ ދުވަސްފަހުން ދަމާސް ޖޭންއަށް އާމެޒް ބަކިން ދަބަހެއް ހަދިޔާކުރި އެވެ. އެ ދަބަސް ތައްޔާރުކުރެވިފައި ވަނީ ކޮންމެ ދުވަހަކު ވެސް ބޭނުންކޮށްލެވޭނެ ގޮތަށް ޖާގަބޮޑުކޮށް އަދި ލެދާ ބޭނުންކޮށްގެން ވަރަށް ކޮލިޓީ ރަގަޅު ކޮށެވެ.
އާމެޒް ދަބަސްތައް އުފައްދަނީ ފްރާންސްގަ އެވެ. އަދި މިދަބަސްތައް އުފެއްދުމަށް ކިނބޫ، ގެރި އަދި އޮސްޓްރިޗްގެ ހަންގަންޑު ބޭނުންކުރެ އެވެ. މިދަބަސްތައް އުފެއްދަނީ އެއްވެސް ވަރަކަށް މެޝިންއެއް ބޭނުންނުކޮށް މުޅިން ވެސް އަތުންނެވެ.
މިހާރު ކިތަންމެ މަގުބޫލު ދަބަހަކަށް ވިޔަސް އެންމެ ފުރަތަމަ ދަބަސް ލޯންޗުކުރި ދުވަސްވަރު މިއީ މާ ގަދަޔަށް ވިކުނު ދަބަހެއް ނޫނެވެ.
މި ދަބަސް މަޝްހޫރުވެގެން ގޮސްފައިވަނީ 90 ގެ އަހަރުތަކުގަ އެވެ. އޭގެ ފަހުން އަހަރުތައް ފާއުތުވަމުން އައިސް މިހާރު ބަކިން ދަބަސްތައް ވެގެން ގޮސްފައިމިވަނީ މީހާގެ ޝަޚްސިއްޔަތާއި ހަސަބާއި ނަސަބު ދައްކުވައިދޭ ނިޝާނަކަށެވެ.
ބުނެވޭ ގޮތުގައި ވިކްޓޯރިއާ ބެކަމްގެ މިލްކިއްޔާތުގައި 100 ބަކިން ދަބަހުގެ ކަލެކްޝަންއެއް ހުރެ އެވެ. މި ދަބަސްތަކުގެ ޖުމްލަ އަގު ދެ މިލިއަން ޑޮލަރަށް އަރަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ބަކިން ކަލެކްޝަން ހުރީ ސިންގަޕޫރުގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖޭމީ ޗުއާގެ އަތުގަ އެވެ. އޭނާގެ ކަލެކްޝަންގައި 200 ދަބަސް ހުރެ އެވެ.
ކިތަންމެ ވަރަކަށް ހާމީސް ބާކިން ދަބަހެއް ގަންނަން ބޭނުންވި ކަމުގައި ވިޔަސް އާމެޒްގެ ފިހާރައަށް ވަދެ ބާކިން ދަބަހެއް ނުއެއް ގަނެވޭނެ އެވެ. މީގެ ކުރިން ބާކިން ދަބަސް ގަންނަން ވެއިޓިން ލިސްޓެއް އޮންނަ ނަމަވެސް މިހާރު ބާކިން ދަބަހެއް ލިބެނީ ވަކި ވަރަކަށް މީހާ މަޝްހޫރުވުމުން ނުވަތަ އެވަރަށް އެމީހަކަށް ފައިސާ ހަރަދުކުރެވެން ހުރިނަމަ އެވެ.
މީގެ އިތުރުން އާމޭޒް ދަބަސްތަކުގެ މަޝްހޫރުކަމާއި ތަފާތުކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ކްލައިންޓަކަށް އަހަރަކު ގަނެވޭނެ ދަބަހުގެ އަދަދުވެސް މިހާރު އޮންނަނީ ކަނޑައަޅާފަ އެވެ.
2017 ވަނަ އަހަރު ހެދި ދިރާސާ އަކުން ދައްކާގޮތުގައި ހާމީސް ބާކިން ދަބަހުގެ ޑިމާންޑްވަނީ ފާއިތުވި 35 އަހަރުގެ ތެރޭގައި 500 ޕަސެންޓަށް އިތުރުވެފަ އެވެ. މިއީ ކޮންމެ އަހަރަކު 14 ޕަސެންޓްގެ ކުރިއެރުމެކެވެ.
އާމޭޒް ދަބަސްތަކުގެ ތެރެއިން ވެސް އެންމެ މަޝްހޫރުވެގެން ދިޔައީ އެމީހުންގެ ހިމާލިޔާ ކަލެކްޝަން އެވެ. ވައިޓް ހިމާލިޔަން ބަކިން ދަބަސްތަކުގެ ތިން ސައިޒެއް ހުންނައިރު ކޮންމެ ދަބަހެއްގައި ވެސް 18 ކެރެޓުގެ ހުދުރަނާއި 200 ޑައިމަންޑް ބޭނުންކޮށްފައި ހުރެ އެވެ. މީގެ ތެރެއިންވެސް 35 ސެންޓިމީޓަރުގެ ދަބަހަކީ ވަރަށް މަދު އަދި އެހާމެ ޑިމާންޑް ބޮޑު ދަބަހެކެވެ. އެގޮތުން އަހަރަކަށް ފަހު އަހަރެއް މި ދަބަހުގެ އަގު އުފުލިގެންގޮސް ރިކޯޑް އަދަދަކަށް ވިކިފައި އެބަހުއްޓެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު މި ދަބަސްވަނީ ބައި މިލިއަން ޑޮލަރަށް ވިކި ރިކޯޑްތައް މުގުރާލާފަ އެވެ.
ރިކޯޑް އަދަދަކަށް މި ދަބަސް ގަނެފައިވަނީ ޕްރޮފެޝަނަލް ސްޕޯޓުސް ބެޓިން ކޮންސަލްޓެންޓެއް ކަމަށްވާ ޑޭވިޑް އޮންޝިއާ ނުވަތަ މަޝްހޫރު ނަމުން ނަމަ ވޭގަސް ޑޭވް އެވެ.
އޭނާ ބުނާގޮތުން މި ދަބަސް ގަތީ އޭނާއަކީ ރޮކޯޑްތައް މުގުރުމަށް ލޯބި ކުރާ މީހަކަށްވާތީ އެވެ. އަދި ސްޕޯޓްސް ބެޓިންގެ ހުރިހާ ރިކޯޑެއް އޭނާގެ އަތުގައި އޮތްއިރު ބޭނުންވީ އެންމެ އަގުބޮޑު ދަބަހުގެ ރިކޯޑުވެސް އޭނާގެ އަތުގައި އޮތުމަށެވެ.
މުޅި ދުނިޔޭގައި އޮތީ ވައިޓްހިމާލިޔަން ބަކިންގެ ޖުމްލަ ދެ ދަބަހެވެ. އެއް ދަބަސް އޮތީ ސްޓީވް ހާވޭގެ އަންހެނުން އަތުގަ އެވެ. އަނެއް ދަބަސް މިހާރު އެއޮތީ ވޭގަސް ޑޭވްގެ އަތުގަ އެވެ. އޭނާ ބުނާގޮތުން މީގެ ދަބަހެއް ކިމް ކާޑޭޝިއަންގެ އަތުގައި ވެސް ނެތް ކަމަށެވެ. އެހެން ކަމުން އޭނާ ބޭނުންވީ މި ދަބަސް ގަނެ އެކަމުން މަޝްހޫރުކަން ހޯދާ މީހުން އޭނާގެ ވާހަކަ ދެއްކުމަށެވެ.
ވޭގަސް ޑޭވް ބުނާ ގޮތުން އޭނާ މި ދަބަސް ވިއްކަންޏާ ވިއްކާނީ ދެ މިލިއަން ޑޮލަރަށް ކަމަށެވެ.
މި ވައްތަރު ބަކިން ދަބަސްތައް އުފެއްދުމަށް ހުދު ނުވަތަ އަލްބީނޯ ކިނބުލުގެ ހަންގަނޑު ބޭނުންކުރެ އެވެ. މިއީ ވަރަށް މަދުންނޫނީ ނުފެންނަ ވައްތަރެއްގެ ކިނބުލެކެވެ.
ދަބަސްތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި މި ދަބަސްތައް މިހާ އަގުބޮޑުވާ ސަބަބަކީ ކޮންމެ ދަބަހެއް އުފެއްދުމުގައި އެ ގެންގުޅޭ ފަރުވާތެރިކަމާއި ފާޑުވެރިކަމެވެ. އާމެޒް ބަކިން ދަބަހެއް އުފެއްދޭނީ 10 އަހަރާ ގާތްކުރާ އަދަދަކަށް އެކަމަށް ތަމްރީނު ހާސިލްކުރުމަށްފަހު އެވެ. އަދި ދަބަހުގައި ކޮންމެ ރޮއްޖެއް ވެސް ޖަހާނީ އަތުންނެވެ. އެއްވެސް މެޝިނަރީއެއް ބޭނުމެއް ނުކުރާނެ އެވެ. އެހެން ކަމުން މި ދަބަސްތަކުގެ ކޮލިޓީ ރަނގަޅުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އާމެޒް އިން ބަކިން ދަބަސްތައް އުފައްދަނީ ވަރަށް ކޮންޓްރޯލް ކޮށްގެން ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށެވެ. އެހެންކަމުން މިދަބަސްތަކަށް އޮންނަ ޑިމާންޑް ބޮޑުވެ ދަބަހުގެ އަގު އުފުލެ އެވެ.
މިހާތަނަށް އަތްދަބަހުގެ އެތައް ސްޓައިލްއެއް އައިސް ގޮސްފައިވާއިރު ބާކިން ދަބަސްތައް އަދިވެސް ވަރަށް މަޝްހޫރެވެ.
ސުވާލަކީ އަބަދުވެސް ބަކިން ދަބަސްތަކުގެ އަގު މިވަރުގައި ހިފަހައްޓާލެވޭނެ ހެއްޔެވެ؟ ވަގުތާއެކު ބަލަމާ ދޯ އެވެ.