މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 59 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ނެރުނު ތަފާސްހިސާބު ދައްކާ ގޮތުން އަލަށް ޕޮޒިޓިވްވި 59 މީހުންގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި 12 ބިދޭސީންނެވެ. މީގެ ތެރެއިން 54 މީހަކު ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އަދި 5 މީހަކު ޕޮޒިޓިވްވެފައި ވަނީ އެހެން ރަށްތަކުންނެވެ.
މި ބައްޔަށް އިއްޔެ ޕޮޒިޓިވްވެފައި ވަނީ 53 މީހުންނެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 10،157އަށް އަރައިފަ އެވެ. މިވަގުތު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދަނީ 1،166 މީހުންނެވެ. ރާއްޖެއިން މިހާތަނަށް 6،415 ދިވެއްސަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އަދި މި ބަލި ޖެހުނު ބިދޭސީންގެ އަދަދު ވަނީ 3،742އަށް އިތުރުވެފަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ގްރޭޓާ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 22 ރަށަކުންނާއި 23 ރިސޯޓަކުން ކޮވިޑްގެ އެކްޓިވް ކޭސްތައް ފެނިފައިވެ އެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 12 ޓޫރިސްޓަކާއި 30 މުވައްޒަފެއް ހިމެނެ އެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 103 މީހުންނެވެ. އެއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 8،950އަށް އިތުރުވެފަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 82 މީހަކު ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ދެ މީހަކަށް ފަރުވާދެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 34 މީހަކު ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި ހަތް ބިދޭސީންނެވެ.