ބުރަކަށީގައި ރިއްސުމަކީ އަހަރުމެންގެ މެދުގައި ވެސް ވަރަށް އާންމު ކަމެކެވެ. ގިނަ ފަހަރަށް މިއީ ބަރު އެއްޗެއް އުފުލުމުން، ކަސްރަތު ކުރުމުން، ނުވަތަ ގިނައިރު ވަންދެން އެއްގޮތަކަށް އިނދެވުމުން މަސްގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ވާ ކަމެކެވެ.

ނަމަވެސް ބުރަކަށީގައި ރިއްސާ ކޮންމެ ފަހަރަކީ ހަމައެކަނި މަސްގަނޑަށް ލިބޭ އަނިޔާއަކަށް ނުވެދާނެ އެވެ. މިއީ މައިބަދައިގެ ނުވަތަ ނާރުގެ ސީރިއަސް މައްސަލައެއްގެ އަލާމާތަކަށްވެސް ވެދާނެ އެވެ.

މަސްގަނޑަށް ލިބޭ އަނިޔާތައް

މަހުގެ މައްސަލައަކުން ދިމާވާ ރިއްސުންތައް އާންމުކޮށް ފާހަގަ ކުރެވެނީ:

  • ބަރު އެއްޗެއް އުފުލުން، ކުއްލިއަކަށް ހަށިގަނޑު އަނބުރާލުން، ނުވަތަ ގޯސް ގޮތަކަށް ގިނައިރު އިނުމުން.
  • ތަދު ހުންނާނީ ބުރަކަށީގެ ވަކި ހިސާބެއްގައި އެކަނި.
  • ތަދުވާ ސަރަހައްދު ހަރުވެފައި ހުރުމުގެ އިހުސާސެއް ކުރެވޭނެ.
  • ވަކި ކަހަލަ ހަރަކާތްތަކެއް ކުރާއިރު ތަދު ބޮޑުވެ، ވަގުތު ފާއިތުވަމުންދާ ވަރަކަށް އަމިއްލައަށް ރަނގަޅު ވަމުންދާނެ.

މައިބަދަ ނުވަތަ ނާރުގެ މައްސަލައެއްކަން ދެނެގަންނާނީ ކިހިނެއް؟

ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ތަދު ތިރިއަށް ފައިބާނަމަ އެއީ ނާރަކަށް ގެއްލުން ލިބިފައިވާކަމުގެ ނިޝާނަކަށް ވެދާނެ އެވެ.

  • ނާރުގެ މައްސަލަތައް: ބުރަކަށީގެ ތިރިން ފެށިގެން ފަލަ މަސްގަނޑަށް ނުވަތަ ފަޔަށް ތަދު ފެތުރިގެންދާނަމަ، އަދި އޭގެ އިތުރުން އެ ސަރަހައްދު އައްސިވުން ނުވަތަ ގައިގެ ވަރު ދެރަވުން ފަދަ ކަންކަން ދިމާވާނަމަ އެއީ ނާރަކަށް ބާރު ބޮޑުވުމުގެ ސަބަބުން ވާ ކަމެއް.
  • ހިނގަން އުނދަގޫވުން: ދިގުދެމިގެންދާ ނުވަތަ ނުކެނޑި ހުންނަ ތަދެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންކަމާއި ހިނގބިނގާވެ އުޅުމަށް ދަތިވާނަމަ ޑޮކްޓަރަކަށް ދައްކަން ޖެހޭނެ.

ސަމާލުވާންޖެހޭ ނުރައްކާތެރި އަލާމާތްތައް

ބައެއް ހާލަތްތަކުގައި ބުރަކަށީގެ ވޭނަކީ އިންފެކްޝަނެއް، ކަށި ފީވުން، ނުވަތަ އެހެން ސީރިއަސް ބައްޔެއްގެ ސަބަބުން ވާ ކަމަކަށް ވެދާނެ އެވެ. ތިރީގައިވާ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރުގެ ލަފާ ހޯދަން ޖެހޭނެ އެވެ.

  • ސަބަބެއް ނެތި ކުއްލިއަކަށް ބަރުދަން ލުއިވުން
  • ހުން އައުން
  • ކުޑަކަމުދިއުމާއި ބޮޑުކަމުދިއުން ކޮންޓްރޯލް ނުވުން
  • ފައިގެ މަސްތައް ކުއްލިއަކަށް ބަލިކަށިވުން ނުވަތަ އައްސިވުން

ފަރުވާއާއި ރައްކާތެރިވުން

ބުރަކަށީގައި ރިއްސާ ކޮންމެ ފަހަރަކު އޮޕަރޭޝަނަކަށް ދާކަށް ނުޖެހޭނެ އެވެ. ގިނަ ފަހަރަށް ޑޮކްޓަރުން އިރުޝާދު ދެއްވާ ކަންކަމުގެ ތެރޭގައި

  • ޙަރަކާތްތެރިވެ އުޅުމަށާއި، ގިނަ އިރު އެއްތަނެއްގައި އޮތުމުގެ ބަދަލުގައި ހަރަކާތްތެރިވުން.
  • ފިޒިއޯތެރަޕީ ހެދުމާއި، ބުރަކަށީގެ މަސްތައް ވަރުގަދަކުރާ ކަސްރަތު ކުރުން.
  • އިށީނދެ އިންނަ ގޮތް ރަނގަޅު ކުރުން.

ބުރަކަށީގައި ރިއްސުމަކީ އަބަދުވެސް ހަމައެކަނި މަސްގަނޑަށް ލިބޭ އަނިޔާއަކުން ވާ ކަމަކަށް ނުވެދާނެ އެވެ. ތަދު ދިގުދެމިގެންދާނަމަ، ނުވަތަ ނާރުގެ މައްސަލަތަކުގެ އަލާމާތެއް ފެންނަ ނަމަ އަމިއްލައަށް ފަރުވާ ހޯދުމުގެ ބަދަލުގައި ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.