މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްއިން ފަތުރުވެރިންނަށް ވިއްކާ ޓިކެޓުގެ އަގުތައް މުރާޖާކޮށް، މިހާރަށް ވުރެ އަގުތައް ހެޔޮކުރުމަށް ކެބިނެޓުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން މިކަން އިއުލާންކުރީ، ކެބިނެޓުން ނިންމެވި މުހިންމު ނިންމުންތައް ހިމަނައިގެން އެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރެއްގަ އެވެ. ނަމަވެސް، މި ބަދަލުތައް ގެންނާނެ ގޮތުގެ އިތުރު ތަފުސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އެތެރޭގެ އުދުހުންތަކުގައި ގައުމީ އެއާލައިނުން ފަތުރުވެރިންގެ އަތުން ބޮޑު އަގެއް ނަގާތީ ފަތުރުވެރިން ރާއްޖެ އަންނަން ޖެހިލުންވާ ކަމީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ކުރާތާ ގިނަ ދުވަސްވީ ޝަކުވާއެކެވެ.
މި ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާތަކެއް ކުރި ނަމަވެސް، މީގެ ސަބަބުން އައިލެންޑް އޭވިއޭޝަނުގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ އެވެ. އެ ކުންފުނިން މީގެ ކުރިން ވެސް ވަނީ މިހާރުގެ އަގުތަކުގައި ވެސް އެތެރޭގެ ގިނަ މަންޒިލުތަކަށް ދަތުރުކުރަނީ ގެއްލުމުގައި ކަމަށް ބުނެފަ އެވެ.
އަގުތައް ހެޔޮކުރުމާއެކު ދެން އޮންނާނެ ގޮތަކީ ސަރުކާރުން ފައިސާގެ އެހީ ދީގެން ނުވަތަ ސަބްސިޑައިޒްކޮށްގެން މި ދަތުރުތައް ކުރުމެވެ. ނަމަވެސް މިގޮތަށް ކަންތައް ކޮށްފިނަމަ، އެކަން ވާނީ ދައުލަތުގެ ވިޔަފާރި ކުންފުނިތަކަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ވެފައިވާ ވައުދާ ހިލާފު ކަމަކަށެވެ.
އޮޑިޓު އޮފީހުން އާންމުކޮށްފައިވާ އައިލެންޑް އޭވިއޭޝަނުގެ 2024 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން، އެ އަހަރު އެ ކުންފުންޏަށް 2.7 މިލިއަން ރުފިޔާގެ ގެއްލުމެއް ވި އެވެ.
އެ އަހަރު އެ ކުންފުންޏަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނުއިރު، ހިންގުމުގެ ހަރަދުތަކަށް ކަނޑައި 171.2 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނެވެ. ނަމަވެސް ހިންގައިގެން ލިބުނު ހުރިހާ ފައިދާއެއް އެ ކުންފުނިން ހަރަދުކުރަން ޖެހުނީ ފައިނޭންސިން ހަރަދުތަކަށެވެ.
އައިލެންޑް އޭވިއޭޝަނުގެ ފައިނޭންސިން ހަރަދުތަކުގެ ބޮޑު ބަޔަކީ އެ ކުންފުނިން ކުއްޔަށް ނަގާފައިވާ މަތިންދާބޯޓުތަކަށް ކުރަންޖެހޭ ހަރަދުތަކެވެ.
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
އަންނައުނު ގަތުމުގައި ކުލަތައް އިހުތިޔާރު ކުރާނީ ކިހިނެއް؟
