ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިނީ ފައިސާއެއް ނޫން ކަމަށާއި އޭނާ ދަބަހަށް އަޅައިގެން ގެންދިޔައީ ދިޔާ އެއްޗެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެފައި ވާތީ އެ މައްސަލަ ތަހުގީގުކުރުމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފި އެވެ.
އޮންލައިން ނޫސް އަދަދު އަށް ދެެއްވި އިންޓަވިއުއެއްގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވީ އަދީބު އޭނާ އަށް އެ ދަބަސް ދިނީ އަލްމަރުހޫމް އަބްދުﷲ ޖަލީލް (ކޭން ސޭޓް) އަށް ދޭން ކަމަށެވެ.
އާޒިމް އެ ފަދައިން ވިދާޅުވީ އަދީބާއި އާޒިމާ ދެމެދު ކުރެވިފައިވާ މެސެޖުތަކެއް ލީކުވުމާ ގުޅިގެންނެވެ.
އަދީބު އާޒިމަށް ކުރި މެސެޖުގައި ފެންޓަސީ ކުރިމައްޗަށް ދިޔުމަށް ބުނެފައިވެ އެވެ. ފެންޓަސީ ހުންނަނީ އަދީބުގެ އަރިސް ބޭފުޅެއް ކަމަށްވާ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ގެ ކުރިމަތީގަ އެވެ. ފެންޓަސީ ކައިރިއަށް އަންނައިރު ދަބަހެއް ގެނައުމަށް އަދީބު، އާޒިމަށް ކުރި މެސެޖުގައިވެ އެވެ.
މިކަމާ ގުޅިގެން ކުރީގެ ނައިބު ރައީސް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަޖޯރިޓީ ލީޑަރު އާޒިމް ދެއްކެވި ވާހަތަކަކީ ފުލުހުން ތަހުގީގު ކުރަންޖެހޭ ވާހަކަތަކެއް ކަމަށާއި އެ ވިދާޅުވާ ދިޔާ އެއްޗެހީގެ މައުލޫމާތު ލިބެން ޖެހޭ ކަމަށެވެ. މިއީ ސާމަސާއަކަށް ހަދައި، މަޖަލަކަށް ދެއްކޭނެ ވާހަތަކެއް ނޫން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓް މަޖިލީހުން އާންމުކުރުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް މަޖިލީހަށާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ދަނީ ކުރަމުންނެވެ. ލިސްޓްގައި ހިމެނޭ ގިނަ ފަރާތްތަކުން ދަނީ ލިސްޓް އާންމުކުރުމުގެ ކުރިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާކަން އެނގިފައިނުވާ ކަމަށާއި އެކަމުގައި ބައިވެރިވެފައިނުވާ ކަމަށް ބުނަމުންނެވެ.