2023 ވަނަ އަހަރު ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދައި 1.45 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމު "ބާބީ"ގެ ދެވަނަ ބައި އުފެއްދުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، އެ މަސައްކަތް މަ ޑުޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ނިއުޔޯކް ޓައިމްސް އާއި ހޮލީވުޑް ރިޕޯޓާއިން ހާމަކޮށްފައިވާ ގޮތުގައި، ވާނާ ބްރޮސްއަށް ވަނީ ދެވަނަ ފިލްމެއް އުފެއްދުމުގެ އެގްރީމަންޓްތައް ފައިނަލް ކުރުމަށް ވަގުތު ކުޑަތަންވެފަ އެވެ.
މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ފިލްމުގެ ޑައިރެކްޓަރު ގްރެޓާ ގާވިގް، އަދި މުހިއްމު ތަރިން ކަމަށްވާ މާގޮޓް ރޮބީ އާއި ރަޔަން ގޮސްލިންގްއާއެކު އެއްބަސްވުން ހަދައި ނުނިމިއްޖެ ނަމަ، "ބާބީ"ގެ ފިލްމީ ހައްގުތައް އަނބުރާ ކުޅޭއެއްޗެހި އުފައްދާ މެޓެލް ކުންފުންޏަށް ބަދަލުވާނެ އެވެ.
ފުރަތަމަ ފިލްމު ކާމިޔާބު ވުމުން ދެވަނަ ފިލްމަށް ތަރިންގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ރަޔަން ގޮސްލިންގްއަށް 20 މިލިއަން ޑޮލަރުގެ އެޑްވާންސަކާއެކު ފިލްމުގެ ލިބޭ އާމްދަނީއިން ވަކި މިންވަރެއް ދިނުމަށް ހުށަހެޅުނެވެ. ނަމަވެސް ވާނާ ބްރޮސް ޑިސްކަވަރީގެ ސީއީއޯ ޑޭވިޑް ޒަސްލާވް ވަނީ މި ހުށަހެޅުންތަކަށް ދެކޮޅު ހަދައި ސޮއިކުރަން އިންކާރު ކޮށްފަ އެވެ.
ޑައިރެކްޓަރު ގްރެޓާ ގާވިގް އާއި އޭނާގެ ކޯ-ރައިޓަރު ނޯއާ ބައުމްބެކް ދެވަނަ ފިލްމަށް ވާހަކައެއް ރާވާފައިވީ ނަމަވެސް، އެގްރީމަންޓްތަކުގައި ސޮއިކޮށް ނިމެންދެން ވާހަކަ ވާނާ ބްރޮސްއާ ހިއްސާ ކުރަން ނުވަތަ ސްކްރިޕްޓް ލިޔަން ދެކޮޅު ހަދަ އެވެ.
އެއާއެކު ފުރަތަމަ ފިލްމު ހެދިއިރު ޑައިރެކްޓަރާއި ތަރިން ވަނީ ދެވަނަ ފިލްމެއް ހެދުމުގެ އިތުރު ކޮންޓްރެކްޓެއްގައި ސޮއި ނުކުރުމަށް އެދިފަ އެވެ. އެހެންކަމުން މިހާރު ޖެހެނީ އާ އެގްރީމަންޓްތަކެއް އަލުން ނެގޯޝިއޭޓް ކުރާށެވެ.
ކުރިއަށް އޮތީ ކޮން ގޮތެއް؟
ޑިސެމްބަރުގެ ނިޔަލަށް އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ ނަމަވެސް، "ބާބީ 2" ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެނީ 2029 ނުވަތަ 2030ގަ އެވެ.
ނަމަވެސް އެއްބަސްވުން ނުހެދިއްޖެ ނަމަ، މެޓެލްއިން އެހެން ސްޓޫޑިއޯއަކާއެކު މުޅިން އާ އުފެއްދުމެއް (ރީބޫޓް) ފަށަން ޖެހޭނެ އެވެ. އެ ހާލަތުގައި ފުރަތަމަ ފިލްމުގެ ތަރިންނާއި ވާހަކައިގެ ބައިތައް ބޭނުން ކުރުމުގެ ހައްގެއް ނުލިބޭނެ އެވެ.
ޕީއެންސީގެ ނައިބު ރައީސް ކަމަށް ސައުދާ ވާދަކުރައްވަނީ
ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ