ދައުލަތަށް ލިބެންޖެހޭ ޓެކްސް އާއި ކުއްޔާއި އަދި އެހެނިހެން ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 14.5 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ނުލިބި ހުރި ފައިސާގެ އަދަދު ވަނީ 600 މިލިއަން ރުފިޔާ ނުވަތަ ފަސް ޕަސެންޓުން އިތުރުވެފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު ހުރީ 13.8 ބިލިއަން ރުފިޔާގަ އެވެ.
ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެވެ. އެގޮތުން، ޓެކްސްގެ ގޮތުގައި ނުލިބި ހުރި އަދަދު 7.8 ބިލިއަން ރުފިޔާއިން 8.2 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފަ އެވެ. މީގެ ތެރޭގައި އިންކަމް ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 2.4 ބިލިއަން ރުފިޔާ އާއި، ޖީއެސްޓީގެ ގޮތުގައި ނުލިބި ހުރި 3.5 ބިލިއަން ރުފިޔާގެ އިތުރުން، ޓީޖީއެސްޓީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ހިމެނެ އެވެ.
ޓެކްސްގެ އިތުރުން ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ރިސޯޓު ކުލީގެ ގޮތުގައި ނުލިބި ހުރި އަދަދު ވަނީ 5.7 ބިލިއަން ރުފިޔާއިން 6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ހަމައެއާއެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާގެ މިންވަރު ވެސް ވަނީ 2.4 ބިލިއަން ރުފިޔާއިން 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އޭގެތެރެއިން 3.3 ބިލިއަން ރުފިޔާއަކީ ސީދާ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެވެ.
ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، މީރާއިން އަންނަނީ އެ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެކަނިވެސް ދެ ބިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދިފައިވާކަން ރިޕޯޓުތަކުން ދައްކަ އެވެ. މި ފައިސާ ހޯދުމަށް މީރާއިން އާންމުކޮށް ގެންގުޅޭ އުސޫލުތަކުގެ ތެރޭގައި ނޯޓިސް ފޮނުވުމާއި، ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.
މެރިޓައިމް ރެސްކިއު ސެންޓަރު ހުޅުވައިފި
ނުއަގުގައި މަސް ވިއްކަން ޖެހުމުން ބީކޭއެމްޔޫގެ ކަންބޮޑުވުން
ޖޯންސަންގެ ޕައުޑަރު މައްސަލާގައި 5.5 ބިލިއަން ޑޮލަރު ދައްކަނީ
