ޖޯންސަން އެންޑް ޖޯންސަން (ޖޭއެންޑްޖޭ) އިން މިހާރު އުފެއްދުން ހުއްޓާލާފައިވާ ޓެލްކް ބޭސްޑް ބޭބީ ޕައުޑަރު ބޭނުންކުރުމުގެ ސަބަބުން ރަހިމުގެ ކެންސަރު ޖެހިފައިވާ ކަމަށް ބުނެ، އެމެރިކާގައި އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ނިންމުމަށްޓަކައި 5.5 ބިލިއަން ޑޮލަރު ދެއްކުމަށް އެ ކުންފުނިން އެއްބަސްވެއްޖެ އެވެ.
އެ ކުންފުނިން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، މި ފައިސާއަކީ އެމެރިކާގެ ފެޑަރަލް އަދި ސްޓޭޓް ކޯޓުތަކުގައި ހުރި ގާތްގަނޑަކަށް 69،000 މައްސަލައަކަށް ކަނޑައަޅާފައިވާ އަދަދެކެވެ. މިއީ އެ ގައުމުގައި އެ ކުންފުންޏާ ދެކޮޅަށް ހުށަހެޅިފައިވާ ޓެލްކްއާ ގުޅުންހުރި މައްސަލަތަކުގެ 99.75 އިންސައްތަ އެވެ. މި އެއްބަސްވުން ފައިނަލްވާނީ ދައުވާކުރި ފަރާތްތަކުގެ 95 އިންސައްތަ މީހުން މި ހުށަހެޅުން ގަބޫލުކުރުމުންނެވެ.
ޓެލްކަކީ މަޑު މިނަރަލްއެކެވެ. މީގެ ކުރިން މިއީ ރީތިވާ ސާމާނާއި ކުޑަކުދިންނަށް ބޭނުންކުރާ އުފެއްދުންތަކުގައި ވަރަށް ބޮޑަށް ބޭނުންކުރަމުން އައި އެއްޗެކެވެ. ނަމަވެސް، މީގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިވާ ކަމުގެ ކަންބޮޑުވުންތައް އިތުރުވުމާ ގުޅިގެން، މީގެ ބޭނުން މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.
2024 ވަނަ އަހަރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ޓެލްކަކީ އިންސާނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު އޮތް އެއްޗެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
ޖޭއެންޑްޖޭ އިން ބުނަމުންދަނީ ޓެލްކްގެ ސަބަބުން ކެންސަރު ޖެހޭކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެހެންނަމަވެސް، އެ ކުންފުނިން ވަނީ 2020 ވަނަ އަހަރު އެމެރިކާގައި އަދި 2023 ވަނަ އަހަރު މުޅި ދުނިޔޭގައި ޓެލްކް ހިމެނޭ ބޭބީ ޕައުޑަރު ވިއްކުން ހުއްޓާލާފަ އެވެ.
2016 ވަނަ އަހަރު، އެމެރިކާގެ ކޯޓަކުން ވަނީ ރަހިމުގެ ކެންސަރުގައި މަރުވި އަންހެނެއްގެ އާއިލާއަށް 72 މިލިއަން ޑޮލަރު ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އަމުރުކޮށްފަ އެވެ. މިއީ މި މިނަރަލްއާ ގުޅިގެން އެ ގައުމުގައި އެ ކުންފުނި ކުށްވެރިވި ފުރަތަމަ މައްސަލަ އެވެ.
އޭގެ އަހަރެއް ފަހުން އެ ހުކުމް ބާތިލުކުރި ނަމަވެސް، އޭގެ ފަހުން އެ ކުންފުންޏާ ދެކޮޅަށް ހުށަހަޅާ މައްސަލަތައް އިތުރުވެ، އެމެރިކާގެ އެކި ކޯޓުތަކުން ވަނީ ދައުވާކުރި ފަރާތްތަކަށް ބަދަލު ނަގައިދީފަ އެވެ.
ޖޭއެންޑްޖޭގެ ލިޓިގޭޝަން ހެޑް އެރިކް ހާސް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ދައުވާކުރި ފަރާތްތަކުގެ ވަކީލުންވެސް ވަނީ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވީ މި ގާނޫނީ ހަނގުރާމައަށް ލިބުނު މި ހައްލަށް މަރުހަބާ ކިޔާފަ އެވެ.
މި އެއްބަސްވުމުގެ ތެރޭގައި އިނގިރޭސިވިލާތުގައި ހިނގަމުންދާ މައްސަލަތަކެއް ނުހިމެނެއެވެ. އިނގިރޭސިވިލާތުގެ ތާރީހުގައިވެސް އުފެއްދުމަކާ ގުޅިގެން ހުށަހެޅުނު އެންމެ ބޮޑު މައްސަލަ މިހާރު ދަނީ އެ ގައުމުގައި ކުރިއަށެވެ. މީގައި 7،000 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ.
2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހުށަހަޅާފައިވާ މި މައްސަލައިގައި ބުނެފައިވަނީ، ޓެލްކްގެ ސަބަބުން ރަހިމުގެ ކެންސަރާއި މެސޯތެލިއޯމާ ކެންސަރު ޖެހިދާނެކަން ޖޭއެންޑްޖޭ އަށް އެނގޭ ކަމަށާއި، އެހެންނަމަވެސް އެ ކުންފުނިން އެ އުފެއްދުން ވިއްކުން ކުރިއަށް ގެންދިޔަ ކަމަށެވެ. މި ތުހުމަތުތަކަށްވެސް އެ ކުންފުނިން އިންކާރުކުރެއެވެ.
މާފުށީގައި ޕެރެސެއިލިން ވައިކުޑައެއް ފަޅައިގެން ގޮސްފި
ކޮންމެ ދުވަހަކު ހިނގިޔަސް ސިއްހަތަށް ބަދަލު ނާންނަ ސަބަބު!
ސިނގިރޭޓު ނުބޯ މީހުން ފުއްޕާމޭގެ ކެންސަރަށް ހުށައެޅެނީ ކީއްވެ؟
