ބުރަ މަސައްކަތުން ބާނާ ކަންނެލި ކިރުމުގައި ކިޔުގައި ގިނަ ވަގުތު ހޭދަކުރަންޖެހި، ނުއަގުގައި މަސް ވިއްކަން ޖެހުމުގެ ސަބަބުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ޔޫނިއަނުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ކަންނެލި ކިލޯއެއްގެ އެވްރެޖު އަގު 35 ރުފިޔާއަށް ވެއްޓިފައިވުމަކީ މަސްވެރިންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވި ވަރަށް ބޮޑު ނިކަމެތިކަމެކެވެ.
ބީކޭއެމްޔޫއިން ބުނީ މަސްވެރިކަން ކުރުމަށް ކަނޑުމަތީގައި ހޭދަކުރާ ދުވަސްތަކަށްވުރެ ގިނަ ދުވަސް، ކަންނެލި ކިރުމަށާއި އައިސް ހޯދުމަށް ކިޔުގައި ހޭދަކުރަން ޖެހުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވެ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން ކިޔުގައި ގިނަ ދުވަސްވުމުގެ ސަބަބުން ކަންނެލީގެ ކޮލިޓީ ދަށްވެ، ނުގަނެ ރިޖެކްޓުވާ މިންވަރު އިތުރުވުމަކީ ވެސް މަސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިފަހުން މަސްވެރިކަމާއި އެންވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި، މިފްކޯގެ އައިސް ޕްލާންޓުތަކުން އައިސް ލިބުން ދަތިވެފައިވާތީ ވެސް އެ ޔޫނިއަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި މައްސަލަތަކަށް އޮތް ހަމައެކަނި ހައްލެއް ކަމަށް އެ ޔޫނިއަނުން ދެކެނީ، ސަރުކާރުގެ ރިޔާސީ މެނިފެސްޓޯގައިވާ ފަދައިން މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމެވެ. ބޮޑުކަންނެލި މަސްވެރިން މައިގަނޑު ގޮތެއްގައި ސަރުކާރަށް ގޮވާލަމުންދަނީ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަދަދަކަށް ހެދުމަށާއި، ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިތުރުން ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން މި ވައުދުތައް ފުއްދުމަށް އެދި މާލެއަށް ވަންނަ ނެރު ކައިރީގައި ވެސް މަސްވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ ހުޅުމާލެ އަދި ހިންމަފުށީގައި ހުންނަ އެފްއެސްއެމްގެ ޓާމިނަލްތަކުން ބޮޑުކަންނެލި ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފަ އެވެ. އެހެންނަމަވެސް، ފަހަކަށް އައިސް މަސްވެރިކަން ދަށްވުމާ ގުޅިގެން މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އޭޕްރިލް މަހު 78 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މެއި މަހު އެ އަދަދު ވަނީ 31.1 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި މިދިޔަ ޖޫން މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ އެންމެ 11.3 މިލިއަން ރުފިޔާ އެވެ.
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް: މެންބަރު މައުރޫފު
ހަތިޔާރު މަދުވި ކަމަށް ބުނާ ވާހަކަތައް ޓްރަމްޕް ދޮގުކުރައްވައިފި
