ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އެންމެ ދިގު ޑައިރެކްޓް (ނޮން-ސްޓޮޕް) ކޮމާޝަލް ދަތުރުތައް ފެށުމާ ގާތަށް އޮސްޓްރޭލިއާގެ ކުއަންޓަސް އެއާލައިނުން މިވަނީ އިތުރު ފިޔަވަޅެއް އަޅާފަ އެވެ.
އެއާބަސް ކުންފުނިން އުފައްދާފައިވާ އަލްޓްރާ ލޯންގް ރޭންޖް A350-1000ULR މަރުކާގެ ބޯޓު ބޭނުން ކޮށްގެން ފްރާންސްގެ ތުލޫސް އިން އޮސްޓްރޭލިއާގެ މެލްބަންއަށް ކުރި ޓެސްޓް ދަތުރު ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.
ފްރާންސުން ފުރައިގެން އޮސްޓްރޭލިއާއަށް ކުރި މި ދަތުރުގައި 22 ގަޑިއިރަށްވުރެ ގިނަ އިރު މަތިންދާބޯޓު ވައިގެ ތެރޭގައި ހޭދަކުރި އެވެ. ދަތުރުގައި ބައިވެރިވީ އެއާބަސް ކުންފުނީގެ ހަތަރު ޓެސްޓް ޕައިލަޓުންނާއި ފަސް ފްލައިޓް ޓެސްޓް އިންޖިނިއަރުންނެވެ.
މި ދަތުރުގެ މައިގަނޑު މަގުސަދަކީ ބޯޓުގެ ސިސްޓަމްތައް އެހާ ދިގު ދަތުރެއްގައި މަސައްކަތްކުރާ ގޮތް ބެލުމާއި ބޯޓުގައި އިތުރަށް ހަރުކޮށްފައިވާ 20،000 ލީޓަރުގެ ތެޔޮ ތާންގީ މަސައްކަތްކުރާ މިންވަރު ޓެސްޓު ކުރުމެވެ.
މި ދަތުރަކީ ކުއަންޓަސް އެއާލައިނުން ކުރިއަށް ގެންދާ މަޝްހޫރު "ޕްރޮޖެކްޓް ސަންރައިޒު" އިނިޝިއަޓިވްގެ ދަށުން ކުރެވުނު ޓެސްޓެކެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު އަމާޒަކީ އޮސްޓްރޭލިއާގެ ސިޑްނީ އާއި އިނގިރޭސިވިލާތުގެ ލަންޑަނާ ދެމެދު ސީދާ ދަތުރުތައް ފެށުމެވެ.
10،000 މޭލަށްވުރެ ދިގު މި ރޫޓުގެ ދަތުރުތައް 22 ގަޑިއިރަށް ދެމިގެންދާނެ އެވެ. މި ހާއްސަ ބޯޓުތަކުގެ ތެރެއިން ފުރަތަމަ ބޯޓު 2027 ވަނަ އަހަރުގެ އެޕްރީލް މަހު ކުއަންޓަސްއާ ހަވާލު ކުރުމަށް ހަމަޖެހިފައިވާއިރު، ރަސްމީ ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އޮކްޓޯބަރު 2027ގަ އެވެ.
20 ގަޑިއިރަށްވުރެ ދިގު ދަތުރެއްގައި މަތިންދާބޯޓެއްގައި ހޭދަ ކުރުމަކީ ދަތުރުވެރިންނަށް ބޮޑު ތަކުލީފަކަށް ވެދާނެތީ، ކުއަންޓަސް އިން ވަނީ ބޯޓުގެ އެތެރޭގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
އެގޮތުން އާންމުކޮށް A350 މަރުކާގެ ބޯޓުތަކުގައި ގިނަ ސީޓު ހުންނައިރު، މި ބޯޓުގައި ހުންނާނީ އެންމެ 238 ސީޓެވެ. މިއީ A350 މަރުކާގެ ބޯޓެއްގައި ސީޓު ހަރު ކުރެވޭ އެންމެ ދަށް މިންވަރެވެ.
މީގެ އިތުރުން ދަތުރުވެރިންނަށް ކަސްރަތުކޮށް، ހަށިގަނޑު ދަމާލައި، އަރާމު ކޮށްލުމަށް ބޯޓުގެ އެތެރޭގައި ހާއްސަ "ވެލްބީންގް ޒޯން" ސަރަހައްދެއް ވަނީ ގާއިމު ކޮށްފަ އެވެ.
އެއާބަސް A350-1000ULRގެ މި ކާމިޔާބު ޓެސްޓާއެކު، ދުނިޔޭގެ އެކި ކޮޅުތަކަށް ޑައިރެކްޓް ދަތުރު ކުރުމުގެ އާ ދައުރަކަށް ވައިގެ ދަތުރުފަތުރުގެ ދާއިރާ މިވަނީ ވާސިލުވާން ތައްޔާރުވެފަ އެވެ.
ދެ ހަފުތާ ފަހުން މާދަމާއަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފި
ނޯލަންގެ "ދަ އޮޑިސީ" އޮންލައިންކޮށް ލީކު ކޮށްލައިފި
ރާއްޖޭގައި މިނިވަން މުއައްސަސާއެއް ނެތް: މެންބަރު މައުރޫފު