އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތި ނުރައްކާތެރި ފައްތަރަކަށް ވައްޓާލަމުންދާ ކަމަށް ބުނެ، އަންގާރަ ދުވަހު އދ. ގައި ޗައިނާއިން އެމެރިކާއަށް ވަރުގަދަ ތުހުމަތުތަކެއް ކޮށްފި އެވެ.
ޔަމަނުގެ ހޫތީންނާ ބެހޭގޮތުން ބޭއްވި ބަހުސެއްގައި، އދ. އަށް ކަނޑައަޅާފައި ހުންނަވާ ޗައިނާގެ މަންދޫބު ސަން ލެއި ވިދާޅުވީ، ޔަމަނާއި ރަތްކަނޑުގެ މިހާރުގެ ހާލަތަށް އެމެރިކާއިން އިންކާރު ނުކުރެވޭނެ ފަދަ ޒިންމާއެއް އުފުލަންޖެހޭނެ ކަމަށެވެ.
"ޣައްޒާގެ ކާރިސާ ނިމުމަކަށް ގެނައުމަށާއި، ހަމަނުޖެހުންތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހުން ކުރާ މަސައްކަތްތަކަށް ހުރަސްއަޅައި، މަސްރަހު އިތުރަށް ގޯސްވުމަށް ފުރުސަތު ދެނީ އެމެރިކާއިން،" ސަން ވިދާޅުވި އެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ، ސަލާމަތީ މަޖިލީހުގެ އެއްވެސް ހުއްދައެއް ނެތި، އަދި އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތައް ކުރިއަށްދަނިކޮށް، އެމެރިކާއިން އީރާނަށް ދޭންފެށި އަސްކަރީ ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ މަސްރަހު އަނެއްކާވެސް ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާ ކަމަށެވެ.
ސަން މިފަދައިން ވިދާޅުވީ، ހޫތީންނަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކޮށް އދ. އިން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޗައިނާއިން ހިލާފުވަމުންދާ ކަމަށް ބުނެ، އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.
ވޯލްޓްޒް ވިދާޅުވީ، އީރާނު ފަދަ ގައުމުތަކާއި، ޗައިނާގެ ބައެއް ކުންފުނިތަކާއި އިދާރާތަކުން އދ. ގެ ގަރާރު 2216 އާ ހިލާފުވަމުންދާ ކަމަށާއި، ނަމަވެސް އެކަމާ މެދު އެކަށީގެންވާ ފިޔަވަޅެއް އެޅިފައިނުވާ ކަމަށެވެ.
2015 ވަނަ އަހަރު ފާސްކުރި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2216 އިން ލާޒިމުކުރަނީ، ހޫތީން ހަމަލާތައް ހުއްޓާލައި، ޔަމަނުގައި އެމީހުން ހިފާފައިވާ ސަރަހައްދުތަކުން ފޭބުމަށެވެ. މި ގަރާރުގެ ދަށުން، އީރާނުގެ އެހީތެރިކަން ލިބޭ މި ގްރޫޕަށާއި އެމީހުންގެ ބައިވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކޮށްފައިވާއިރު، މުދާ ހިފެހެއްޓުމާއި ދަތުރުފަތުރު ކުރުން މަނާކުރުން ފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ.
ދުނިޔޭގެ ބާރުގަދަ މި ދެ ގައުމުގެ މެދުގައި ބަދަލުކުރެވުނު މި ހޫނު ބަހުސްގައި، ޗައިނާގެ މަންދޫބު އިތުރަށް ވިދާޅުވީ، އެމެރިކާއިން ކުރާ އަމަލުތަކާ މެދު އަމިއްލައަށް ފުންކޮށް ވިސްނައި، އެ ގައުމުގެ އަމަލުތަކާއި ބަސްމަގުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ނައްތާލުމަށް އަމަލީ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ
އާޖެންޓީނާގެ ފެނިލުން ގަދަ ނޫ ކުލައިގައި، ހަމަ ނަސީބުތަ؟
ހޯރަފުށީގައި ކުދިންތަކެއް މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ