ސިޔާސީ ކަންކަމުގައި އާންމުކޮށް ވާހަކަނުދައްކައި ހިމޭނުން ހުންނަން ނިންމުމާ ގުޅިގެން، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން "ދަ ރޮކް" ޖޯންސަންއަށް ހޮލީވުޑްގެ ބައެއް ތަރިންގެ ފަރާތުން ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވަމުން އެބަދެ އެވެ.

އެސްކުއަޔާ މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ޑްވޭން ޖޯންސަން ބުނެފައިވަނީ، ދެން ސިޔާސީ ހިޔާލުތައް އާންމުކޮށް ހިއްސާ ނުކުރާނެ ކަމަށާއި އޭނާގެ މައިގަނޑު އަމާޒަކީ ސިނަމާއާއި ފިލްމީ މަސައްކަތްތަކުން ބެލުންތެރިން އުފާ ކޮށްދިނުން ކަމަށެވެ.

އެއާއެކު ސިޔާސީ ވާހަކަތަކުގެ ސަބަބުން ސުލްހަވެރިކަން ގެއްލި، މުޖުތަމައު ބައިބައި ވާތީ އެފަދަ ކަންކަމާ ދުރުވާން ބޭނުންވާ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

މީގެ ކުރިން 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޖޯ ބައިޑަންއަށް ތާއީދު ކުރެވުނީތީ ހިތާމަކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ނަމަވެސް އޭނާގެ މި ނިންމުމާ ގުޅިގެން ހޮލީވުޑްގެ ބައެއް މަޝްހޫރު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން "ސްޓާ ޓްރެކް"ގެ މަޝްހޫރު އެކްޓަރު ޖޯޖް ތަކެއީ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ހިމޭނުން ހުރުމަކީ ބައިވެރިވުން ކަމަށެވެ.

މީގެ އިތުރުން "ސްޓޭންޑް ބައި މީ"ގެ އެކްޓަރު ވިލް ވީޓަން ވަނީ ޑްވޭންއަކީ "ފިނޑިއެއް" ކަމަށް ސިފަކޮށް، އޭނާގެ މި ނިންމުމާމެދު އިންތިހާއަށް މާޔޫސްވާ ކަމަށް ބުނެފަ އެވެ.

މި ފާޑު ކިޔުންތަކަށް ޑްވޭންގެ ފަރާތުން އަދި ރަސްމީ ރައްދެއް ދީފައެއް ނުވެ އެވެ. އޭނާ މިވަގުތު އުޅެނީ ޑިޒްނީގެ އާ ފިލްމު "މޯނާ" ގެ ލައިވް-އެކްޝަން ރީމޭކް އިޝްތިހާރު ކުރުމުގެ ބައިނަލްއަގުވާމީ ޕްރޮމޯޝަން ކެމްޕޭނުގަ އެވެ.