މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހި (މީސަލްސް) ޖެހުނު މީހުންގެ ޖުމްލަ އަދަދު 66އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ. މިހާތަނަށް ދެނެގަނެވުނު ކޭސްތަކުގެ ތެރެއިން 13 ކޭސްއެއް އެކްޓިވްކޮށް ހުރިއިރު، ބަލި މީހުންނާ ބައްދަލުވި އެކްޓިވް ކޮންޓެކްޓުންގެ އަދަދު ވަނީ 258 އަށް އަރާފަ އެވެ.
ބަލި ދެނެގަތުމުގެ މަސައްކަތް ފުޅާކޮށް މިހާތަނަށް 569 ލެބޯޓްރީ ޓެސްޓު ހަދާފައިވާއިރު، ހުން އައިސް ހަމުގައި ބިހިނަގާ މީހުން އަވަހަށް ސްކްރީން ކުރެވޭނެ އިންތިޒާމުތައް ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ސަރުކާރުން ދަނީ ހިންގަމުންނެވެ. އެގޮތުން ބަލި މީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ 2,048 މީހަކަށާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,118 ސިއްހީ ހިދުމަތްތެރިއަކަށް މިހާތަނަށް ވަނީ ވެކްސިން ދީފަ އެވެ.
މި މަސައްކަތްތަކަށް އެހީތެރިވުމަށް އިންޑިއާ ސަރުކާރުން ވަނީ 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މިދިޔަ ޖޫން 18 ގައި ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅި ގައުމަކަށް ވީނަމަވެސް، 1983 އިން ފެށިގެން އެމްއާރު ވެކްސިން ދޭން ފެށި ފަހުން ވެސް އެކި ދުވަސްވަރު މި ބަލީގެ ކޭސްތައް ރާއްޖެއިން ފެންނަމުންދެ އެވެ.
"މީސްލްސް ވައިރަސް" ގެ ސަބަބުން ޖެހޭ މި ބައްޔަކީ ކެއްސާ ކިނބިހިއެޅުމުގެ ތެރެއިންނާއި ޖަރާސީމުން ތަގައްޔަރުވެފައިވާ ތަންތަނުގައި އަތްލުމަށްފަހު އަތްނުދޮވެ މޫނުގައި އަތްލުމުން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މަދުން ނަމަވެސް ބަލި މީހާގެ ކާބޯތަކެތި ބޭނުންކުރުމުން ވެސް މި ބަލި ޖެހެ އެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއެކު، އަރިދަފުސް ފޭބުމާއި، ކިނބިހިއެޅުމާއި، ކަރުތެރެ ފާރުވުމާއި، ކެއްސުމާއި، ވަރުބަލިވުމުގެ އިތުރުން ކާހިތްނުވުމާއި ހަށިގަނޑުގައި ރިއްސުން ހިމެނެ އެވެ. މި ބަލީގައި ނަގާ ރަތް ބިހިތައް ފުރަތަމަ ފެންނަން ފަށަނީ ނިއްކުރިމަތިން، ބޮލުގެ އިސްތަށި ފެށޭ ހިސާބުންނެވެ. އެހެންކަމުން ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ސިއްހީ މާހިރުން އިލްތިމާސްކުރައްވަ އެވެ.
އައިފޯން 18 ޕްރޯއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެ
ގަދަ 16ގެ ޖާގަ ހޯދުމުން މިއަދު ޕެރަގުއޭގެ ސަރުކާރު ބަންދު
"މަޝްރޫއުތަކަށް ހާއްސަ ޔުނިޓް ހަދަނީ ސިޔާސީ ވަޒީފާ އިތުރުކުރަން"