ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ހާން، އޭނާގެ އާ ކައިވެންޏާއި، އަންހެނުން ގޯރީ ސްޕްރެޓްއާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަދައްކައި، އެއީ އޭނާގެ ދިރިއުޅުމަށް ލިބުނު ބޮޑު "ނިއުމަތެއް" ކަމަށް ބުނެފި އެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި، އުމުރުން 61 އަހަރުގެ އާމިރު ވަނީ ގޯރީއާ އެކު ކުރި ސިއްރު ކައިވެނީގެ ތަފްސީލުތައް ހިއްސާ ކޮށްފަ އެވެ. އާމިރު ބުނި ގޮތުގައި އެމީހުންގެ ކައިވެންޏަކީ މާ ބޮޑު ހަފްލާއެއް ނުބާއްވައި، ވަރަށް އާދައިގެ ގޮތަކަށް ކުރި ރެޖިސްޓާޑް ކައިވެންޏެކެވެ.
"އަހަރެމެން ކައިވެނީގެ ރެޖިސްޓްރޭޝަން ކުރިއަށް ގެންދިޔައީ ގޭގައި. އެއީ ވަރަށް އާދައިގެ، ހަމަހިމޭން ކަމާއެކު ކުރެވުނު ކަމެއް،" އާމިރު ކިޔައިދިނެވެ.
"ގޯރީ އަކީ އަހަރެންގެ ދިރިއުޅުމަށް އައި ނިއުމަތެއް. އޭނާއަކީ ވަރަށް އޯގާތެރި، ހިތްހެޔޮ މީހެއް." މި ކައިވެނީގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިފައިވާކަން އާމިރު ފާހަގަ ކުރަމުން އޭނާ ބުންޏެވެ.
އާމިރު އިތުރަށް ބުނި ގޮތުގައި، ގޯރީއާ ދިމާވީ އޭނާގެ ދިރިއުޅުމުގެ ވަރަށް އުނދަގޫ ދުވަސްވަރެއްގަ އެވެ. އަދި އޭނާގެ އާއިލާއާ، ހާއްސަކޮށް ދަރިންނާ ގޯރީއާ ދެމެދު އޮންނަނީ ވަރަށް ގާތް، ރަނގަޅު ގުޅުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މިއީ އާމިރުގެ ތިންވަނަ ކައިވެންޏެވެ. ބަތަލާ ރީނާ ދައްތާއާއެކު ކުރި އޭނާގެ ފުރަތަމަ ކައިވެނި 2002 ވަނަ އަހަރު ވަނީ ރޫޅިފަ އެވެ. އެއަށްފަހު، ފިލްމު މޭކަރު ކިރަން ރާއޯއާ 2005 ގައި ކުރި ކައިވެނި 15 އަހަރަށް ފަހު ރޫޅާލީ 2021 ވަނަ އަހަރު އެވެ.
ދެ ކައިވެނި ރޫޅުނު ނަމަވެސް، އާމިރް އަންނަނީ އޭނާގެ ކުރީގެ ދެ އަނބިންނާއި ދަރިންނާ އެކު ވަރަށް ގާތް އާއިލީ ގުޅުމެއް ބާއްވަމުންނެވެ.
ކައިވެނީގެ އުފާވެރި ހަބަރާ އެކު، އާމިރު ޚާންގެ ސަޕޯޓަރުން އަންނަނީ އޭނާގެ އާ ދިރިއުޅުމަށް މަރުހަބާ ކިޔަމުންނެވެ. އާމިރު މިވަގުތު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސިތާރޭ ޒަމީން ޕަރް"ގެ މަސައްކަތްތަކުގައި އުޅެމުންނެވެ.
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
އާޖެންޓީނާ ޓީމުން މެސީގެ ޖާޒީ ހާއްސަވަނީ ކީއްވެ؟
ޖިންސީ ގޯނާކުރި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި