މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ"ގެ ސެޓުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މަރުވި ކުރޫ މެންބަރުގެ އާއިލާއަށް މާލީ އެހީތެރިކަމުގެ ގޮތުގައި 40 ލައްކަ ރުޕީސް (ގާތްގަނޑަކަށް 48,000 އެމެރިކާ ޑޮލަރު) ދިނުމަށް ބަންސާލީ ޕްރޮޑަކްޝަންސްއިން ހުށަހަޅައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މުމްބާއީގެ ގޮރެގާއޮންގައި ހުންނަ ރޯޔަލް ޕަމްޕް ސްޓޫޑިއޯގައި ފިލްމުގެ ސެޓު އެތުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
މަރުވެފައިވަނީ އުމުރުން 42 އަހަރުގެ ވަޑާންކުރާ މީހެއް ކަމަށްވާ ޗަންދުރަދާރީ ސިންގް ޔާދަވްއެވެ. އޭނާ މަރުވީ ސެޓުގައި މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓުގައި ޖެހިގެން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. މަރުވި ޔާދަވްގެ އަންބަކާއި ދެ އަންހެން ކުދިން ތިބެ އެވެ.
މި ހާދިސާއާ ގުޅިގެން ފިލްމީ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ ފެޑަރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް (ފްވައިސް) އިން ވަނީ ސެޓުތަކުގެ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ޔާދަވް މަރުވުމުގެ ކުރިން އޭނާ ވަނީ ވިދި ވިދިގެން ތިން ދުވަހު ވަރަށް ގިނަ ވަގުތު ސެޓުގައި މަސައްކަތް ކޮށްފަ އެވެ.
އެގޮތުން ހާދިސާ ހިނގި ދުވަހުވެސް އޭނާ ހެނދުނު 7:00 އިން ފެށިގެން ދެން އައި ދުވަހުގެ ފަތިހު 3:00 އާ ހަމައަށް މަސައްކަތް ކުރި ކަމަށް ފްވައިސްގެ ސެކްރެޓަރީ އަޝޯކް ދުބޭ ހާމަ ކުރެއްވި އެވެ.
ބަންސާލީގެ ޓީމުން 40 ލައްކަ ރުޕީސްގެ ބަދަލެއް ހުށަހެޅި ނަމަވެސް، ފްވައިސްގެ ރައީސް ބީ.އެން ތިވާރީ ވަނީ އެ އަދަދު 50 ލައްކައަށް އިތުރު ކޮށްދިނުމަށާއި، މަރުވި މީހާގެ ދެ ކުދިންގެ ތައުލީމީ ހަރަދުތައް ޕްރޮޑަކްޝަނުން ބެލެހެއްޓުމަށް އެދިފަ އެވެ.
މީގެ އިތުރުން، އާއިލާއަށް ދާއިމީ އާމްދަނީއެއް ހޯދައިދިނުމުގެ ގޮތުން ޔާދަވްގެ އަންހެނުންނަށް ޕްރޮޑަކްޝަން ހައުސްއިން ވަޒީފާއެއް ދިނުމަށްވެސް ވަނީ އެދިފަ އެވެ.
މި ހާދިސާއާ އެކު ބޮލީވުޑްގެ ސެޓުތަކުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށާއި، މަސައްކަތްކުރާ ވަގުތުތައް ހަމަހަމަ އުސޫލަކުން ބެލެހެއްޓުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފަ އެވެ.
ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ވިކީ ކޯޝަލް މުހިންމު ރޯލުތަކުން ފެނިގެންދާ "ލަވް އެންޑް ވޯ" އަކީ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 2027ގަ އެވެ.
ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހީ މެސީ
ފިނޭންސް މިނިސްޓަރަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި
ބެކަމް އާއިލާގެ ކޯޅުމަށް ނަޒަރެއް: ކާކު ބުނީ ކީކޭ؟