ތެދުބަހުން ވާހަކަ ދެއްކުމަކީ ސިކުނޑިއަށް އެންމެ ލުއި ގޮތް. ދޮގު ހެދުމަކީ ސިކުނޑިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް. ނަމަވެސް ދޮގު ހަދަން ބޭނުން ނަމަވެސް ސިކުނޑި އެކަމަށް ތަން ނުދޭ އިރުތަކެއް ފާހަގަ ކުރެވިފައިވޭ. އެއީ ވަރުބަލިވެފައި ވުމުގެ ސަބަބުން ސިކުޑީގެ ބާރު ދަށް ވެފައިވާ ވަގުތުތައް. އެ ވަގުތުތަކުގައި ހަނދާން ބަލިވޭ. ވާހަކައެއް އުފައްދައި ކުރިއަށް ގެންދަން އުނދަގޫ ވޭ. އެ މީހެއްގެ މޫނުމައްޗަށް އަންނަ ބަދަލުތަކާއި ކުލަވަރުތައް ވަކި ގޮތަކަށް ގެންގުޅެން އުނދަގޫވޭ.

ވަރުބަލިވެފައިވާ ނަމަ، މީހުން ތެދު ހަދަން ފަސޭހަ އެވެ. އެއީ ވަރުބަލިވުމުން ސިކުނޑި މަސައްކަތްކުރާ މިންވަރާއި ނަފްސް ކޮންޓްރޯލް ކުރެވޭ މިންވަރު ދަށަށް ދާތީ އެވެ. އަމިއްލަ ނަފުސުގެ މައްޗަށް ފޯރުވާ ބާރު ކުޑަވުމުން މީހުންނަށް އޮޅުވާލެވުން މަދުވެ އެވެ. މިކަން މެދުވެރި ވަނީ ތިން ކަމަކާ ގުޅިގެންނެވެ.

ފުރަތަމަ ކަމަކީ ވަރުބަލިވެފައި ހުންނައިރު އެއްވެސް ކަމެއް ކޮންޓްރޯލް ކުރުމުގެ ގަބިލްކަން ދަށްވުމެވެ. ދޮގެއް ހެދުމަށް ތެދު ޖަވާބެއް ދިނުން މުޅިން ކޮންޓްރޯލް ކުރަން ޖެހެ އެވެ. ގަބޫލުކުރެވޭ ފަދަ ދެވަނަ ވާހަކައެއް ދައްކަން ޖެހެ އެވެ. ވަރުބަލިވުމުން ސިކުޑީގައިވާ އެފަދަ ވިސްނުން ކޮންޓްރޯލްކޮށް، ދެވަނަ ވިސްނުމެއް އުފައްދައި އެ ވާހަކަ ބުނުމުގެ މަސައްކަތް ދަށްވެ އެވެ. އޭގެ ސަބަބުން ތެދުބަސް ނުވަތަ ތެދު ހަގީގަތް ނުފޮރުވި ހާމަކުރެވެ އެވެ.

ވަރުބަލިވެފައިވާ ނަމަ ހަނދާން ބަލިވެ ކެތްތެރިކަން ދަށްވެ އެވެ. ވާހަކައެއް "ފެބްރިކޭޓް" ނުވަތަ އުފައްދައި ދޮގު ވާހަކައެއް ދެމެހެއްޓުން އުނދަގޫވެ އެވެ. އެހެން ދިމާވަނީ އެކަން ކުރުމަށް ވަރުބަލި ވެފައިވާ ސިކުނޑި ނުކުޅެދޭތީ އެވެ. ދޮގެއް ހަދައި އެ ވާހަކަ ދައްކާއިރު ހަމަޖެހޭ ގޮތަށް ވާހަކަ ގެނދިއުމާއި، އަޑުއަހާ މީހާއަށް އަންނަ ބަދަލުތައް ދެނެގަތުމަށް އުނދަގޫ ވާތީ އެވެ. ވަރުބަލިވުމުން ސިކުނޑިން އެއްފަހަރާ ގިނަ މަސައްކަތް ކުރުމަށް އުނދަގޫވެ އެވެ. ވީމާ ދޮގު ހަދަން މަސައްކަތް ކުރާ މީހާއަށް އެންމެ ފަސޭހާ ގޮތް ޚިޔާރުކުރަން ޖެހެ އެވެ. އެއީ ތެދު ބުނުމެވެ. ކަން ހިނގައިދިޔަ ގޮތް ސާފުކޮށް ކިޔައިދިނުމެވެ.

ދޮގެއް ހަދާއިރު މޫނުމަތީގެ ކުލަވަރު ބަދަލުވާ ގޮތް ވަކި ގޮތަކަށް ހިފަހައްޓަން ޖެހެ އެވެ. އަނެކާ ތިމާ ދައްކާ ވާހަކައަށް އިޖާބަދޭ ގޮތަށް ވަރަށް ރަނގަޅަށް ބަލައި އަމިއްލަ މޫނުމައްޗަށް ބަދަލެއް ނުގެނެސް އެގޮތުގައި ދެމިހުރުމަށް މަސައްކަތް ކުރަން ޖެހެ އެވެ. މިކަންކަމަކީ ވަރުބަލި ވެފައިވާ މީހާގެ ސިކުނޑިއަށް ދަތި އުނދަގޫ ކަމެކެވެ.

ސައިންޓިފިކް ހޯދުންތަކުން ހާމަވާ ގޮތުގައި ނިދިން މަހުރޫމު ކުރެވިފައިވާ މީހުންނަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ދޮގެއް ހެދުމަށް އުނދަގޫވެ އެވެ. އެފަދަ މީހުން ދޮގު ހަދަން މަސައްކަތް ކުރާއިރު ގިނަ ކަންކަން އޮޅުމަކުން ހާމަކުރެވެ އެވެ. އަދި މޫނުމަތިން އަންނަ ބަދަލާއި ދައްކާ ވާހަކަ ނުބައްދަލު ގޮތްތަކެއް ހުރެ އެވެ.

ނިންޖާއި ވަރުބަލިކަން އެއްވެފައިވާ ނިދާގަޑިއަކީ އެ މީހެއްގެ "ސްޓްރެސް ހޯމޯން" ދަށްވެފައިވާ ވަގުތެކެވެ. އެފަދަ ވަގުތެއްގައި އެހެން މީހަކު ދެކޭނެ ގޮތް ނުބަލައި ތެދު ހާމަކުރުމަކީ ބައެއް މީހުންނަށް ކުރެވޭ ކަމެކެވެ.

ސައިކޮލޮޖިސްޓުން ބުނާގޮތުގައި ބައެއް އިދިކޮޅު އަމަލުތައް ވެސް ވަރުބަލިވެފައިވާ ވަގުތު މީހުންގެ ކިބައިން ފާހަގަ ކުރެވެ އެވެ. އޭގެ ތެރޭގައި ރުޅި ގަދަވުމާއި އަޑުގަދަކޮށް ވާހަކަ ދެއްކުން ހިމެނެ އެވެ.

ދޮގުހަދަން ބޭނުން ނަމަވެސް މީހުން ހަގީގަތަށް ވާހަކަ ދައްކަން މަޖުބޫރު ވަނީ ވަރުބަލިވުމުގެ ސަބަބުން ސިކުނޑިއަށް ލޯޑު ބޮޑުވާ ވަގުތުތަކުގަ އެވެ. އެއީ ސިނކުޑިއަށް ލޯޑު ބޮޑުވުމުން އެންމެ ފަސޭހަ ގޮތް ކަމަށްވާ ތެދު ބަހުން ވާހަކަދެއްކުން ފަސޭހަވުމުންނެވެ.