އުމުރުން 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ހަނިކުރުމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމާފައިވާ މި ދަނޑިވަޅުގައި، ނަފްސާނީ ދާއިރާގެ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މާހިރުން ފާހަގަކުރާ ގޮތުގައި ކުޑަކުދިން އިންޓަނެޓްގައި ހޭދަކުރާ ވަގުތުގެ ސަބަބުން އެކުދިންގެ ނިދުމާއި، ކިޔެވުމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން މުޅި ދިރިއުޅުމުގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.
ޖޫން މަހުގެ 18 ވަނަ ދުވަހު ނެރުނު ގަރާރެއްގެ ދަށުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ އެކައުންޓް ހެދުމާއި، އަމިއްލަ އެކައުންޓްތައް ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. ޔޫއޭއީގެ ޑޮކްޓަރުން މި ނިންމުމަށް މަރުހަބާ ކިޔާފައިވަނީ، ސޯޝަލް މީޑިއާއަށް ދެވިހިފުމުގެ ސަބަބުން، ހާއްސަކޮށް ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުވާލަމުންނެވެ.
ޑޮކްޓަރުންނާއި ކައުންސިލަރުން ބަޔާންކުރާ ގޮތުގައި، ގިނަ އަދަދެއްގެ ކުދިން ފަތިސްވަންދެން ނުނިދާ ފޯނާ ކުޅެން ތިބުމާއި، ކެއުމާއި އެހެނިހެން ޒަރޫރީ ކަންކަމަށް ފަރުވާކުޑަކޮށް ގިނަ ވަގުތު ސޯޝަލް މީޑިއާގައި ހޭދަކުރުމަކީ މިހާރު އާންމުވަމުންދާ ވަރަށް ބޮޑު މައްސަލައެކެވެ.
އަބޫދާބީގެ އެންއެމްސީ ސްޕެޝަލްޓީ ހޮސްޕިޓަލުގެ ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. ޝަހާނާ ގާސިމް ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާގެ ސަބަބުން ދިރިއުޅުމުގެ އާންމު ކަންކަމަށް ބުރޫއަރާފައިވާ ގިނަ ކުދިންނަށް އޭނާ ވަނީ ފަރުވާ ދީފަ އެވެ. "މިކަން ބޮޑުވެފައިވާ ބައެއް ހާލަތްތަކުގައި، ކުދިންގެ ނިދުމާއި، ސްކޫލްގެ ނަތީޖާއާއި، އާއިލީ ގުޅުންތަކާއި، އަދި ރައްޓެހިންނާ ބައްދަލުކޮށް އުޅުން ފަދަ ކަންކަމަށް ސޯޝަލް މީޑިއާގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައެއް ކުދިން ދުވާލަކު ފަސް ހަ ގަޑިއިރު މާނައެއް ނެތް ގޮތުގައި ފޯނަށް ހުސްވެ، ނިދުމާއި، ކެއުމާއި، އަދި ފާހާނާއަށް ދިއުން ފަދަ އަސާސީ ބޭނުންތަކަށްވެސް ފަރުވާކުޑަކުރެ އެވެ. އަދި ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމުން ބައެއް ކުދިން ރުޅިގަދަވެ، ހާސްވެ، ނުތަނަވަސްވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
ދަންވަރު 2 ޖަހަންދެން ކުއްޖާ ނުނިދާ ހުންނަ ހާލަތް
މި މައްސަލައިގެ އަސަރު ހަމައެކަނި ސްކްރީން ވަގުތަށްވުރެ މާ ފުންކަމަށް ޑޮކްޓަރުން ބުނެއެވެ. ދުބާއީގެ މެޑިއޯ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. ދިޔާ އަބްދުއްރަޝީދު ކިޔައިދެއްވި ގޮތުގައި، އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއްގެ އުޅުމަށާއި ކިޔެވުމަށް ބޮޑެތި ބަދަލުތަކެއް އައުމުން އޭނާގެ މައިންބަފައިން އެ ކުއްޖާ ޑޮކްޓަރަށް ދެއްކި އެވެ.
އެ ކުއްޖާ ހާސްވުމާއި، ފިލާވަޅަށް ސަމާލުކަން ނުދެވުމާއި، އަދި ކްލާސް ގަޑީގައި ނިދި އައުން ފަދަ ކަންކަން ދިމާވާން ފެށިއެވެ. ކުރިން މޮޅަށް ކިޔެވި ނަމަވެސް، އެ ކުއްޖާގެ ނަތީޖާ ދަށަށް ދާން ފެށި އެވެ. ފުރަތަމަ މައިންބަފައިން ހީކުރީ އެއީ ސިއްހީ މައްސަލައެއް ނުވަތަ ވިޓަމިން މަދުވުމުގެ މައްސަލައެއް ކަމަށެވެ. ނަމަވެސް ލޭގެ ޓެސްޓުތައް ނޯމަލްވުމުން، އެ ކުއްޖާގެ ދުވަހުގެ ތާވަލު ބެލިއިރު އަސްލު މައްސަލަ ފެނުނެވެ.
"މައިންބަފައިން ހީކުރީ ރޭގަނޑު 9 ޖަހާއިރު އެ ކުއްޖާ ނިދަނީ ކަމަށް. ނަމަވެސް ކޮޓަރިއަށް ގޮސް ސިއްރުން ފޯނު ބޭނުންކޮށްގެން ދަންވަރު 2 ޖަހަންދެން އޭނާ އިންނަނީ ހޭލާ،" ޑރ. ދިޔާ ވިދާޅުވި އެވެ. ނިދި މަދުވުމުގެ ސަބަބުން އެ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އަމިއްލަ ނަފްސަށް އޮތް އިތުބާރަށް ބޮޑެތި އަސަރުތަކެއް ކުރި އެވެ. ނަމަވެސް ކައުންސިލިން އަށްފަހު އެ ކުއްޖާގެ ހާލަތު މިހާރު ވަނީ ރަނގަޅުވާން ފަށާފަ އެވެ.
ލައިކްސް އަކީ އަމިއްލަ ނަފްސުގެ އަގު ކަމަށް ދެކުން
މާހިރުން ފާހަގަކުރާ އަނެއް ކަންބޮޑުވުމަކީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިންޓަނެޓްގައި ލިބޭ ތަރުހީބާ ގުޅުވުމެވެ. ގިނަ ކުދިން އެކުދިންގެ ކާމިޔާބީ މިނަނީ ލިބޭ ލައިކްސް އާއި، ކޮމެންޓާއި، ފޮލޯވަރުންގެ އަދަދުންނެވެ.
ބާޖީލް މެޑިކަލް ސިޓީގެ ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް ޑރ. އާމިރު ޖާވިދު ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާގައި ލިބޭ ތަރުހީބު މަދުވުމުން ބައެއް ކުދިންގެ މިޒާޖަށާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ޑރ. ޝަހާނާވެސް މިކަމަށް އެއްބަސްވެވަޑައިގަންނަވަމުން ވިދާޅުވީ، ޕޯސްޓްތަކަށް ތަރުހީބު ލިބުމުން އުފާވެ، ތަރުހީބު ކުޑަވުމުން ކުދިން މާޔޫސްވާ މައްސަލަ އިތުރުވަމުންދާ ކަމަށެވެ.
ހާސްކަމާއި، ބާކީވުމާއި، އިންޓަނެޓްގެ ފިއްތުންތައް
ޔޫއޭއީގެ މެޑްކެއާ ކަމާލީ ކްލިނިކްގެ ކައުންސިލަރު ކެރޮލިން ޔަފޭ ވިދާޅުވި ގޮތުގައި، ގިނަ ކުދިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާން މަޖުބޫރުވަނީ އެކުދިންގެ އިޖުތިމާއީ ދިރިއުޅުން މިހާރު އިންޓަނެޓާ ގުޅިފައިވާތީ އެވެ. ގްރޫޕް ޗެޓްތަކުގައި ބައިވެރިނުވެވުމުން ނުވަތަ އާ ޓްރެންޑްތައް ނޭނގުމުން ބާކީވެދާނެތީ ކުދިން ބިރުގަނެ އެވެ. މީގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ކުރިމަތިވާ ފުރައްސާރައާއި، ސިއްރު މައުލޫމާތު ހާމަކުރުން ފަދަ ކަންކަމުގެ ސަބަބުން ކުދިން ސްކޫލަށް ދާން ދެކޮޅު ހަދާ ހާލަތްތައްވެސް އަންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އޮޅުވާލުމެއްގެ ތެރޭގައި ދިރިއުޅުން
ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ މާހިރެއް ކަމަށްވާ ޕްރަތީބާ ތިވާރީ ވިދާޅުވި ގޮތުގައި، ގިނަ ކުދިންނަށް އިންޓަނެޓްގައި ފެންނަ ދަޅައާއި ހަގީގަތާ ވަކިކުރާކަށް ނޭނގެ އެވެ. އެންމެ ފަހުގެ އައިފޯން އޮތުމާއި، "ކޫލް" ކަންކަން ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމުގައި އެކުދިން ދެކެއެވެ. މީގެ ސަބަބުން، ހަގީގީ ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކުރުމާއި، މުސްތަގުބަލާ މެދު ވިސްނުން ފަދަ މުހިންމު ކަންކަމުން އެކުދިންގެ ސަމާލުކަން ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެކަނި މަނާކުރުމަކުން ނުފުދޭ
މާހިރުން ބުނާ ގޮތުގައި ސަރުކާރުން އަޅާ މިފަދަ ފިޔަވަޅުތަކަށް ތާއީދުކުރި ނަމަވެސް، ހަމައެކަނި މަނާކުރުމަކުން މި މައްސަލައަށް ހައްލެއް ނުލިބޭނެއެވެ. މައިންބަފައިންނާއި، ސްކޫލްތަކާއި، މުޖުތަމައު ގުޅިގެން ކުދިންނަށް އިންޓަނެޓް ބޭނުންކުރާނެ ރަނގަޅު ގޮތްތައް ދަސްކޮށްދީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާކުރަން އެހީތެރިވާންޖެހެ އެވެ.
ޑރ. ޝަހާނާ ވިދާޅުވި ގޮތުގައި، އަމާޒަކަށް ވާންވީ ކުދިންގެ ދިރިއުޅުމުން ޓެކްނޮލޮޖީ އެއްކޮށް ދުރުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި، ޓެކްނޮލޮޖީއާއެކު ދުޅަހެޔޮ އަދި ހަމަހަމަ ގުޅުމެއް ބޭއްވުމަށް ކުދިންނަށް މަގުދައްކައިދިނުމެވެ.
ކަނޑުއޮޅި ހުޅުވާލައި، އެމެރިކާގެ ބްލޮކޭޑް ވަގުތުން އުވާލަނީ
ރައީސްގެ އަމަލުތަކުގެ ސަބަބުން ދަނީ އިންގިލާބެއް އުފެދެމުން
އެސްއޯއީތަކަށް ރިސޯޓު ތަރައްގީކުރެވޭނީ %45 ހިއްސާ އޮވެގެން