އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާ، އެ އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ނަޝީދު މިއަދު ވަނީ ރަސްމީކޮށް ޗެއާޕާސަން ކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން، މަސައްކަތްޕުޅު ފައްޓަވައިފަ އެވެ. އަދި އެމަނިކުފާނާ ވާދަކުރެއްވި މީކާއިލާ ވެސް އެމްޑީޕީ އޮފީހުގައި މިއަދު ބައްދަލުކުރެއްވި އެވެ.
ހުކުރު ދުވަހުގެ އިންތިހާބުގައި ނަޝީދު ވަނީ މީކާއީލްގެ މައްޗަށް މުޅި ރާއްޖޭގައި ބޮޑު ކުރިއެރުމެއް ހޯއްދަވާފަ އެވެ. މި އިންތިހާބު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި ނަތީޖާ ދައްކާ ގޮތުން އެމަނިކުފާނަށް 69 އިންސައްތަ ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. އެގޮތުން ސައްހަ 30,363 ވޯޓުގެ ތެރެއިން ޖުމްލަ 20,943 ވޯޓު ކަށަވަރުކުރެއްވީ ނަޝީދެވެ.
މި އިންތިޚާބަކީ ކުރިން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިޚާބެކެވެ. ސިޔާސީ ގޮތުން ބަލާއިރު، މިއީ އެމްޑީޕީގެ އެތެރޭގެ ދެ ފިކުރެއްގެ ދެމެދުގައި ހިނގި ބޮޑު ކުރިމަތިލުމެކެވެ. މަގާމުން ވަކިވެވަޑައިގަތް ފައްޔާޒު އިސްމާއީލް ހުންނެވީ ރައީސް ނަޝީދުގެ ފަހަތްޕުޅުގަ އެވެ. އަނެއްކޮޅުން، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު މީކާއީލް އިންތިޚާބަށް ނުކުމެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދާއި ބާރާއެކުގަ އެވެ. ނަމަވެސް ޕާޓީގެ އާންމު މެންބަރުން މިވަނީ ބޮޑު އަގުލަބިއްޔަތަކުން ޕާޓީގެ ހިންގުން ރައީސް ނަޝީދާ ހަވާލުކުރަން ނިންމާފަ އެވެ.
އިންތިހާބު ކާމިޔާބުކުރައްވައި ނަޝީދު ވަނީ މީކާއިލަށް ތައުރީފު ވެސް ކުރައްވައިފަ އެވެ. އެގޮތުން މީކާއިލަކީ ސިޔާސީ ދާއިރާއަށް ނުކުންނަ ކޮންމެ މީހަކު ވެސް އަދި ޒުވާނަކު ވެސް ނަމޫނާއަކަށް ބައްލަވަން ޖެހޭ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ހަމައެއާއެކު މީކާއީލް ވެސް ވަނީ ހަމަ އެ ރޭ ނަޝީދަށް ފޯނުކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ.
ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 51.7 ބިލިއަނަށް
އޮސްޓްރޭލިއާ އިން ތުރުކީ ބަލިކޮށްފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން މެދުކަނޑާލަން އީރާން އެއްބަސް