ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވުޒާރާތަކަށް އައްޔަންކުރައްވާފައިވާ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ މައުލޫމާތު، ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި ނެތްތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ދިވެހިރާއްޖޭގައި އިންޓަނެޓުގެ ޒަރީއާއިން ސަރުކާރުގެ މައުލޫމާތުތައް ހާމަކުރަން ފެށީއްސުރެ، ހުރިހާ ވެރިކަމެއްގައި ވެސް ދައުލަތުގެ މުހިންމު ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ ފޮޓޯއާއި ވަނަވަރު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުރެ އެވެ. މި ސަރުކާރުގެ ކުރީކޮޅު ވެސް އެ އުސޫލުން ކަންކަން ހިނގި ނަމަވެސް، އިދާރީ އޮނިގަނޑަށް އައި އަވަސް ބަދަލުތަކާއެކު، އެ މައުލޫމާތުތައް ސައިޓުން އުނިކޮށް، އަދާހަމަކުރުން މިހާރު ވަނީ މުޅިން ހުއްޓިފަ އެވެ.
މިކަމާ ގުޅިގެން އަދި މިހާތަނަށް ސަރުކާރުގެ ބަހެއް ވެސް ނެތެވެ.
މި މައުލޫމާތުތައް ރަސްމީ ސައިޓުން ފެންނަން ނެތް ނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) ދާދިފަހުން ވަނީ އަސާސީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުން ރައީސް އޮފީސް 100 ޕަސެންޓް ފުރިހަމަކޮށްފައިވާ ކަމަށް ބުނެ އެ އޮފީހަށް ތައުރީފުކޮށްފަ އެވެ. މީގެ ސަބަބުން ނޫސްވެރިންނާއި އާންމުންގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.
ހަމައެއާއެކު ސަރުކާރަށް ތިން އަހަރުވާން ގާތްވަމުން އަންނައިރު، ސިޔާސީ މަގާމުތަކަށް އައްޔަންކުރި މީހުންގެ ޖުމްލަ އަދަދު ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އާ ބޭފުޅުން އައްޔަންކުރުމާއި، ނަންތައް ހާމަކުރުމުގައި ލަސްތަކެއް އުޅޭކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ. މިފަދަ އަސާސީ މައުލޫމާތުތައް ފޮރުވިފައި ހުރުމަކީ، ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތާއި، މައުލޫމާތު ހާމަކުރުމުގެ ގާނޫނީ މިންގަނޑުތަކަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.
ދ. މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއަށް
ވައިޓް ހައުސްއަށް އެރިއާނާގެ ވަރުގަދަ އިންޒާރެއް!