އިންޓަނެޓުގައި ގިނަ ވަގުތު ހޭދަކުރުމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. ޖަރުމަނުގެ ޔުނިވާސިޓީ އޮފް ޑުއިސްބާގް-އެސެން އިން ދާދި ފަހުން ނެރުނު ޖާނަލްއެއްގައި ޝާއިއު ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، އިންޓަނެޓު ބޭނުން ކުރުމުގައި ހައްދުފަހަނައަޅައި ދިއުމަކީ ސްޓްރެސް އިތުރުވެ، މޫޑު ގޯސްވެ، އަދި ދިރިއުޅުމުގެ މުހިންމު ކަންކަމަށް އިހުމާލުވެވޭ މައިގަނޑު ސަބަބެކެވެ.

މި ދިރާސާގައި އޮންލައިންކޮށް ގޭމް ކުޅުމާއި، އޮންލައިން ޝޮޕިންގް އަދި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ގަވާއިދުން ބޭނުންކުރާ 900 އެއްހާ މީހުންގެ އާދަކާދަތައް ދެ ހަފުތާގެ މުއްދަތަށް ވަނީ މޮނީޓާ ކޮށް ފައެވެ.

ދިރާސާއިން ފާހަގަކުރެވުނު މުހިންމު ކަންކަން

  1. ސްޓްރެސް އިތުރުވުމާއި މޫޑު ގޯސްވުން: އިންޓަނެޓުގައި އާދަޔާ ހިލާފަށް ގިނަ ވަގުތު ހޭދަކުރާ މީހުންގެ ސްޓްރެސް ލެވެލް މަތިވެ، މޫޑު ގޯސް ވުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރެވުނެވެ.
  2. އެހެން ކަންކަމަށް އިހުމާލުވުން: އޮންލައިންކޮށް ގިނަވަގުތު އުޅުމުގެ ސަބަބުން ދިރިއުޅުމުގެ އެހެނިހެން މުހިންމު ކަންކަން (މިސާލަކަށް ކަސްރަތު ކުރުން، ބޭރަށް ނުކުމެ ވަގުތު ހޭދަކުރުން، އަދި ރައްޓެހިންނާއި އާއިލާއަށް ވަގުތު ދިނުން) ވަރަށް ބޮޑަށް އިހުމާލުވެ އެވެ.
  3. ޝައުގުވެރިކަން މުހިންމު ދައުރެއް އަދާކުރުން: ދިރާސާއިން އެނގުނު ގޮތުގައި މީހާ އިންޓަނެޓުގައި އުޅެން ބޭނުންވަނީ ހަމައެކަނި ފޫހި ފިލުވުމަކަށް ނޫނެވެ. ނަމަވެސް، "އޮންލައިންވާން އުފެދޭ ވަގުތީ ޝައުގުވެރިކަން" ކޮންޓްރޯލް ނުކުރެވުމަކީ މީހާ އިންޓަނެޓުގެ ވަބާގައި ޖެހޭ މައިގަނޑު ސަބަބެވެ."

މީހަކު އިންޓަނެޓުގެ ވަބާގައި ޖެހި، އޭގެ ނޭދެވޭ އަސަރު ކުރަން މެދުވެރިވަނީ ހަމައެކަނި އެމީހާ ހުންނަ ސްޓްރެސްއެއްގެ ސަބަބުންނެއް ނޫން. އެއީ އެވަގުތަކު އޮންލައިންވާން އުފެދޭ ވަގުތީ ޝައުގުވެރިކަން ކޮންޓްރޯލް ނުކުރެވުމުން - އެންޑްރިއަސް އޯލްކާ (ދިރާސާގެ ލިޔުންތެރިއެއް)

އިންޓަނެޓް ބޭނުން ކުރުމަކީ ގޯހެއް ނޫން

ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، އިންޓަނެޓު ބޭނުންކުރާ ހުރިހާ މީހުންނަށް މި ނޭދެވޭ އަސަރުތަކެއް ނުކުރެ އެވެ. އިންޓަނެޓަކީ އޭގެ ސަބަބުން އުފާވެރިކަމާއި، މައުލޫމާތާއި، އަދި ސިކުނޑިއަށް ހަމަޖެހުންވެސް ގެނެސްދޭ އެއްޗެކެވެ.

ނަމަވެސް، މައްސަލައަކަށް ވަނީ އިންޓަނެޓުގައި އުޅުމުގެ ސަބަބުން އަމިއްލަ ސިއްހަތަށާއި، ދިރިއުޅުމަށާއި، އަދި އާއިލީ ގުޅުންތަކަށް ބުރޫއަރާ ހިސާބުންނެވެ.

މިކަމުން ރައްކާތެރި ވުމަށްޓަކައި، އޮންލައިންވާން ހިތަށްއަރާ ކޮންމެ ވަގުތަކު ފޯނާ ދުރަށް ޖެހިލައި، ދިރިއުޅުމުގެ އެހެނިހެން އުފާވެރި ކަންކަމަށް ވަގުތު ދިނުން މުހިއްމެވެ.