އީރާނުގެ ކުރީގެ ސްޕްރީމް ލީޑަރު އަލީ ހާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ޖުލައި މަހުގެ 4 ވަނަ ދުވަހު ތެހެރާނުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭނާގެ ހަށިކޮޅު ފަސްދާނުލުން އޮންނާނީ ޖުލައި 9 ވަނަ ދުވަހު އޭނާ އުފަންވި މަޝްހަދުގައި ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފި އެވެ.
ހާމަނާއީ އަވަހާރަވީ ފެބްރުއަރީ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭން ފެށި ވައިގެ ހަމަލާތަކުގެ ފުރަތަމަ ދުވަހު އެވެ. އުމުރުފުޅުން 86 އަހަރުގެ ހާމަނާއީ އަކީ ވޭތުވެދިޔަ 36 އަހަރު ދުވަހު އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމު ފުރުއްވި ބޭފުޅާ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ޖަނާޒާގެ ކަންކަމުގެ ތެރެއިން ޖުލައި 7 ވަނަ ދުވަހު ތެހެރާނުގެ ދެކުނުން އޮންނަ މުގައްދަސް ރަށެއް ކަމަށްވާ ގުމްގައި ހާއްސަ ރަސްމިއްޔާތުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ހާމަނާއީގެ މުޅި ވެރިކަމުގައި އޭނާ ފާހަގަކުރެވިފައިވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެއްގެ ގޮތުގަ އެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް އެމެރިކާގެ އެކި ސަރުކާރުތަކުން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ.
ހާމަނާއީ އަވަހާރަވީ ތެހެރާނުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އޭނާގެ ގަނޑުވަރަށް ދިން ވަރުގަދަ ވައިގެ ހަމަލާއެއްގަ އެވެ. މި ހަމަލާގައި ހާމަނާއީގެ 56 އަހަރުގެ ދަރިކަލުން މުޖްތަބާގެ އަނބިކަނބަލުން ވެސް އަވަހާރަވެ، މުޖްތަބާއަށް އެކިވަރުގެ އަނިޔާތައް ލިބިވަޑައިގެންފައިވެއެވެ. ބައްޕާފުޅަށްފަހު އީރާނުގެ ސްޕްރީމް ލީޑަރުގެ މަގާމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވީ މުޖްތަބާ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި، ތިން މަހަށްވުރެ ގިނަ ދުވަހު ކުރިއަށްދިޔަ ހަނގުރާމައަށްފަހު އީރާނާއި އެމެރިކާއިން މިހާރު ވަނީ ސުލްހައިގެ އެއްބަސްވުމަކާ މެދު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ސޮއިކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފޫހިވުމުން ފައިދާ ކުރޭ؟
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލުން ހުޅުވާލައިފި
އިންގްލެންޑްގެ ޓީމުގެ ބައެއް އިކުއިޕްމަންޓްތައް ވަގަށް ނަގައިފި