ޕީއެންސީން ވަކިވާން ބައެއް މަޖިލިސް މެންބަރުން ތައްޔާރަށް ތިބި ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޕީއެންސީގެ މަޖިލިސް މެންބަރަކު އެމަނިކުފާނަށް ދެ ދުވަސް ކުރިން ގުޅުއްވައި، އެ ޕާޓީ ދޫކޮށްލަން ތައްޔާރަށް ތިބިކަން ހާމަކުރައްވާފައިވާ ކަމަށެވެ. އެ މެންބަރުންގެ ޝަރުތަކީ، ޕާޓީ ދޫކޮށްލުމުން ގޮނޑި ގެއްލޭ ހާލަތެއްގައި އަލުން އިންތިޚާބުވުމަށް ރައީސް ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން އެއްބާރުލުން ދެއްވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތެކެވެ. މީގެ ކުރިން ރައީސް ނަޝީދު ވެސް ވަނީ މި އަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒު ޖަވާބުދާރީ ކުރުވާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އެ މަގްސަދު ހާސިލުނުވެއްޖެނަމަ ވެރިކަން ދޫކޮށްލައްވައި ގެއަށް ވަޑައިގަތުމަށް ރައީސް މުއިއްޒަށް ޖެހިވަޑައިގަންނަވާނެ އެވެ.

"ރައީސް ނަޝީދު ވިދާޅުވާހެން އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ ރައީސް މުއިއްޒު އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނަން ނޫނީ އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ ވެރިކަން ދޫކޮށްފައި ވަޑައިގަންނަވަން،" ސޯލިހު ވިދާޅުވި އެވެ.

މަޖިލީހުގެ ތެރެއިން ސަރުކާރު ބަދަލުކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ. އެގޮތުން، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި، ޕީއެންސީގެ މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ އިޝާރާތްތައް މީގެ ކުރިން ވެސް ސިޔާސީ ފަރާތްތަކުން ވަނީ ދީފަ އެވެ.