މިއަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.6 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ މިހާތަނަށް ރާއްޖެއަށް 122,000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް އައި 119,000 ފަތުރުވެރިންނާ އަޅާބަލާއިރު އިތުރުވުމެކެވެ. މި ހިސާބުތަކަށް ބަލާއިރު މި މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 6,200 ފަތުރުވެރިން އާދެ އެވެ.
މި މަހުގެ ތަފާސްހިސާބުތައް ރަނގަޅުވި ނަމަވެސް، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ ހަތަރު އިންސައްތަ ދަށްވެފަ އެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައީ 923,000 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 965,000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
މިއަހަރުގެ ކުރީކޮޅު ފަތުރުވެރިން އައި މިންވަރު ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކުން ދުބާއީ އާއި ގަތަރު މެދުވެރިކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމެވެ. އާންމުކޮށްވެސް މެއި މަހަކީ ޔޫރަޕްގެ މާކެޓްތަކުން ފަތުރުވެރިން އަންނަ މިންވަރު މަދު މަހެކެވެ. ނަމަވެސް، މި މަހު އިންޑިއާ އާއި އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިން އިތުރުވުމަކީ ފަތުރުވެރިކަމަށް ލިބުނު އުއްމީދީ ކުރިއެރުމެކެވެ.
ހަނގުރާމައާ ގުޅިގެން މާޗް މަހު ފަތުރުވެރިންގެ އަދަދު 21 އިންސައްތަ އަދި އޭޕްރީލް މަހު 24 އިންސައްތަ ދަށަށް ދިއުމަށްފަހު، މި މަހު އަދަދުތައް މިވަނީ އުފުލެން ފަށާފަ އެވެ.
މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާ އެވެ. އެ ގައުމުން މިހާތަނަށް 141,000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައިގައި 121,000 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 79,000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިނގިރޭސިވިލާތެވެ.
އީރާނުން ރައްދުގައި އެމެރިކާގެ ބޭސްއަކަށް ހަމަލާދީފި
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން 4 ފިޔަވަޅެއް!
ކުޅުދުއްފުށީ ޕެރޭޑުން ފެނުނީ އެ މީހުންގެ ކުޅަދާނަކަން: ޖަމީލް