ރާއްޖޭން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހި ބައްޔަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެ، މި މަހު ފެނުނު ކޭސްތަކުގެ އަދަދު ހަޔަކަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި ހިމަބިހި ބައްޔަށް އިތުރު ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ މީހުންނާ ބައްދަލުވި މީހުން ދެނެގަތުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ފަހުން ފެނުނު ދެ ކޭހާއެކު، މުޅި ރާއްޖެއިން މިހާތަނަށް ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ ނުވަޔަކަށް އަރާފައެވެ. މީގެ ތެރެއިން ހަ ކޭހަކީ ހަމައެކަނި މި މަހުގެ ތެރޭގައި ފެނިފައިވާ ކޭސްތަކެއް ކަމަށް އެ އޭޖެންސީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމުގެ އިތުރުން ލޯ ރަތްވުން ހިމެނެއެވެ. އާންމު ބަލިތަކުގައި ފެންނަ މިފަދަ އަލާމާތްތަކެއް މި ބަލީގައި ފެނުނު ކަމުގައިވިޔަސް، މިއީ ހާލަތު ސީރިއަސްވެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ބައްޔެކެވެ. ބަލީގެ ނުރައްކާތެރި ހާލަތްތަކުގެ ތެރޭގައި ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް ނޭދެވޭ އަސަރުކުރުން ފަދަ ކަންކަން މެދުވެރިވުން އެކަށީގެންވެ އެވެ.
މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި ދެމުންގެންދަނީ ވެކްސިންގެ ދެ ޑޯޒެކެވެ. މިގޮތުން ފުރަތަމަ ޑޯޒް ކުއްޖާއަށް ނުވަ މަސް ފުރޭއިރު ދޭންޖެހޭއިރު، ދެވަނަ ޑޯޒް ދެނީ ކުއްޖާއަށް ދޮޅު އަހަރު ފުރޭއިރުއެވެ. ރާއްޖޭގައި މި ބަލި އަލުން ފެންނަން ފަށާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަވަށްޓެރި ގައުމުތަކުގައި ވެސް ހިމަބިހި ފެތުރޭ މިންވަރު މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
"ދިރާގު އީދު ބޮނޑިބަތް" – އީދު ނަމާދަށް ފަހު
