މެލޭޝިއާ އަށް ކިޔަވަންދާ ދިވެހި ދަރިވަރުން ދައްކަން ޖެހޭ ކަރަންޓީން ފީ ބޮޑު ކަމަށް ބުނެ، އެ ގައުމުގައި ކިޔަވަމުން އަންނަ ގިނަ އަދަދެއްގެ ދަރިވަރުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމް ހާސިލް ކުރަމުން އަންނަ ގައުމެކެވެ. އެކަމަކު، ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ ގުޅިގެން އެ ގައުމުގެ ބޯޑަރުތައް ބަންދު ކުރި އެވެ. އަދި ގިނަ އަދަދެއްގެ ދިވެހިން ހާއްސަ ފްލައިޓުތަކެއްގައި ރާއްޖެ ގެނަ އެވެ. އެކަމަކު ކޮވިޑް-19 ފެތުރުން ކޮންޓްރޯލްވުމާ ގުޅިގެން އާ އުސޫލުތަކާއި ޔުނިވަސިޓީގައި ކިޔެވުން އަލުން ވަނީ ފަށައިފަ އެވެ.

އެހެންވެ، ދިވެހިން ވަނީ އަނެއްކާ ވެސް މެލޭޝިއާ އަށް ފުރަން ފަށައިފަ އެވެ.

އަލަށް އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން މެލޭޝިއާގައި 14 ދުވަސް ވަންދެން ދަރިވަރުން ކަރަންޓީން ވާން ޖެހޭނެ އެވެ. އަދި ކަރަންޓީންގެ މުއްދަތުގައި ހުންނަ އިރު، ހަރަދުގެ ގޮތުގައި 4،700 މެލޭޝިއާ ރިންގެޓް (1،126 ޑޮލަރު) ދައްކަން ޖެހެ އެވެ. އެއީ ދިވެހި ރުފިޔާ އިން 17،362ރ. އެވެ. އެ އުސޫލުގައިވާ ގޮތުން، ދަރިވަރުން ތިބެން ޖެހޭނީ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ ކަރަންޓީން ފެސިލިޓީއެއްގަ އެވެ.

މި އުސޫލާ ގުޅިގެން މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ވައިބާ ގްރޫޕްގައި ބައެއް ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބައެއް ކުދިން ވަނީ މިއަށް ވުރެ ލުއި ގޮތެއް ހޯދައި ދިނުމަށް އެމްބަސީގެ ކިބައިން އެދިފަ އެވެ. އެ ދަރިވަރުން އެދުނީ، ގޭގައި ނަމަވެސް ކަރަންޓީން ވުމުގެ ފުރުސަތެއް ލިބޭނެ މަގެއް ފޯރުކޮށްދިނުމަށެވެ. އަދި ކަރަންޓީން ފީ ހެޔޮކޮށް ދިނުމަށް ވެސް އެދިފައިވެ އެވެ.

މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރުންގެ ކަރަންޓީނުގެ މުއްދަތުގެ ފީ ބޮޑުވެފައިވާތީ އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ދިވެހި ކިޔަވާ ދަރިވަރުންގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކަމާއި ބެހޭ ފަރާތްތަކަށް ޕެޓިޝަނެއް ވަނީ ހުށަހަޅައިފަ އެވެ.

ޕެޓިޝަނުގައި ބުނެފައި ވަނީ އެ ގައުމުގެ ސަރުކާރުން ބަދަލުތައް ގެނެސްފައި މިވަނީ މިމަހުގެ 30 ވަނަ ދުވަހާއި އަންނަ މަހުގެ އެއް ވަނަ ދުވަހު އޮންނަ ފްލައިޓުން ދަތުރުކުރަން ގިނަ އަދަދެއްގެ ދަރިވަރުން ޓިކެޓުވެސް ނަގާފައިވަނިކޮށް ކަމަށެވެ.

އެގޮތުން ޓިކެޓަށް 380-550 ޑޮލަރު ދައްކާފައިވާ އިރު އޭގެ ރިފަންޑް ވެސް ނުލިބޭނެ ކަމަށް އެ ދަރިވަރުން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ކުދިން ޓިކެޓް ނަގާއި މާލެއަށް އައިސް ހުރުމުގެ ހަރަދުތައް ވެސް ހިންގަން ޖެހޭކަން ވަނީ ފާހަގަކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން މެލޭޝިއާގެ އެމްބަސީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.