ސިނަމާލެ ބްރިޖް ހައިވޭގައި ބުދަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވުމާ ގުޅިގެން، ހައިވޭގައި ކުރަހާފައިވާ ނިޝާންތަކުގައި ބޭނުންކޮށްފައިވާ ދަވާދުގެ ފެންވަރާ މެދު އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ބުދަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާ މީހެކެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެއާޕޯޓް ކައިރިން ހައިވޭގައި ހުންނަ ޓްރެފިކް ލައިޓް ކައިރިން ދަތުރުކުރި ސައިކަލެއް ކަހާލައިގެން ގޮސް، ދުއްވަން އިން މީހާ ޕިކަޕެއްގެ ދަށުވެގެންނެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެ ސަރަހައްދަކީ އާންމުކޮށް ވެސް ގިނަ އުޅަނދުތަކެއް ކަހާލައިގެން ވެއްޓޭ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ. އެގޮތުން، މީގެ ދުވަސްކޮޅެއް ކުރިން ހަމަ އެ ސަރަހައްދުން ސައިކަލްގައި ވެއްޓި، އިނގިއްޔަކާއި މޭކަށްޓެއް ބިނދުނު މީހަކު ވަނީ އޭނާގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.

"އެ ދުވަހު ވެސް ޝައްކުކުރެވުނު އެކްސިޑެންޓްވާން މެދުވެރިވީ މަގުގައި ލާފައިވާ ދަވާދުގެ ސަބަބުން ކަމަށް، ނަމަވެސް މިފަހަރު މި އިހުމާލުގެ ސަބަބުން މީހެއްގެ ފުރާނަ މިވަނީ ގެއްލިފައި،" ކަންބޮޑުވުން ފާޅުކުރަމުން އޭނާ ބުނެފައިވެ އެވެ.

އެޗްޑީސީން ބްރިޖްގައި އަލަށް ލާފައިވާ ދަވާދު. މި ދަވާދު ލީފަހުން ވިއްސާރަ ދުވަސްދުވަހު ކައްސާލައިގެން ގިނަ ބަޔަކު ވެއްޓި އަނިޔާވެފައިވޭ.

މީގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ އެ ސަރަހައްދުން އެކްސިޑެންޓްވެ އެކިވަރުގެ އަނިޔާ ލިބިފައިވާކަން ފާހަގަކޮށް، މިކަމަށް އަވަސް ހައްލެއް ގެނައުމަށް އެޗްޑީސީއަށް ގޮވާލާފަ އެވެ.

އާންމުން ބުނާ ގޮތުގައި ބޮޑެތި ހައިވޭތަކުގައި މަގު ފާހަގަކުރުމަށް ބޭނުންކުރާ ދަވާދަކީ ވަކި ކޮލެޓީއެއްގެ، އުޅަނދުތަކަށް ރައްކާތެރި އެއްޗެއްކަމަށެވެ. ނަމަވެސް އެޗްޑީސީން އެތަނުގައި ލާފައިވާ ދަވާދަކީ އެފަދަ ތަނަކަށް އެކަށީގެންވާ އެއްޗެއް ނޫން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

ބްރިޖް ހައިވޭގައި ދާދި ފަހުން ސައިކަލެއް ކަހާލައިގެން ވެއްޓި މީހަކު މަރުވި ސަރަަހައްދުގައި ބަޔަކު މަޑުކޮށްލައިގެން.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ ހައިވޭގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ވިއްސާރަވުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް، އާންމުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތް ދަވާދުގެ ފެންވަރުގެ މައްސަލައިގައި ފުލުހުންނާއި އެޗްޑީސީން މިހާތަނަށް އެއްވެސް ރަސްމީ ޖަވާބެއް ނުވަތަ ސަމާލުކަމެއް ދީފައެއް ނުވެއެވެ.

މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވަމުންދާތީ، ހައިވޭ ބޭނުންކުރާ ގިނަ ބަޔަކު ދަނީ އެކަމާ ވަރަށްބޮޑަށް ކަންބޮޑުވެ އެކަން ހައްލުކުރުމަށް ގޮވާލަމުންނެވެ.