މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގެ ރަސްމީ ފައިނޭންޝަލް ލިޓްރަސީ ބްރޭންޑް އައިޑެންޓިޓީއާއި މެސްކޮޓް ޑިޒައިންކުރުމަށް މުބާރާތެއް އިއުލާން ކޮށްފި އެވެ. މި އިނީޝިއޭޓިވްގެ ބޭނުމަކީ މުޅި ރާއްޖޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވެދޭނެ، ވަރުގަދަ އަދި ފަސޭހައިން ވަކިކުރަން އެނގޭނެ ގައުމީ އައިޑެންޓިޓީއެއް ބިނާކުރުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މީގެ ތެރޭގައި ހިމެނެނީ މެސްކޮޓް، ފައިނޭންޝަލް ލިޓްރަސީގެ ބްރޭންޑް ލޯގޯ އަދި ޓައިޕޯގްރަފީ ފަރުމާކުރުން ފަރުމާކުރުމެވެ.
މި މުބާރާތުގެ މަގުސަދަކީ ޒިންމާދާރު މާލީ އާދަތައް ކުރިއަރުވައި، މާލީ ނިންމުންތައް ނިންމުމުގެ ބާރު ލިބި، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް ޒުވާނުންގެ މެދުގައި ރަނގަޅު މާލީ އާދަތައް އަށަގެންނެވުމަށް މަގުފަހިކޮށްދޭނެ ފުރިހަމަ ބްރޭންޑިންގ ނިޒާމެއް އެކުލަވައިލުން ކަމަށް މަރުކަޒީ ބޭންކުން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މުބާރާތުގެ މައިގަނޑު އަމާޒަކީ ދިވެހިންނަށް ފަސޭހައިން ދެނެގަނެވޭނެ އަދި ސަގާފީ ގޮތުން ގުޅުންހުރި އައިޑެންޓިޓީއެއް ގާއިމުކުރުމެވެ. މި ބްރޭންޑާއި މެސްކޮޓް މެދުވެރިކޮށް، ފައިސާ ރައްކާކުރުމާއި، ބަޖެޓުކުރުމާއި، ޑިޖިޓަލް ފައިނޭންސް، މާލީ ދުޅަހެޔޮކަން އަދި ޒިންމާދާރުކަމާއެކު ފައިސާ ބެލެހެއްޓުން ފަދަ މުހިންމު ދާއިރާތަކުން މުޅި ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ވަރުގަދަކުރުމަށް އެމްއެމްއޭ އިން އުންމީދުކުރެ އެވެ. އަދި އެ އޮތޯރިޓީގެ އުންމީދަކީ ފައިނޭންޝަލް ލިޓްރަސީ މެސްކޮޓަކީ މީހުންނާ ގާތް، ހަނދާން ބަހައްޓަން ފަސޭހަ، އަދި ބުއްދިވެރި މާލީ ނިންމުންތަކަށް މީހުން އަހުލުވެރިކުރުވައި ހިތްވަރުދޭނެ އެކުވެރިއަކަށް ވެގެންދިއުމެވެ.
ސްކޫލުތަކާއި، ކޮމިއުނިޓީ ޕްރޮގްރާމްތަކާއި، މީޑިއާ ކެމްޕެއިންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި، ތަޢުލީމީ ވަސީލަތްތަކާއި، ޢާންމު އިވެންޓްތަކުގައި މެދުނުކެނޑި ބޭނުންކުރެވޭނެ ވިޝުއަލް ނިޒާމެއްގައި މާލީ ހޭލުންތެރިކަމުގެ މެސެޖުތައް ޝައުގުވެރިކުރުވައި މިހާރަށްވުރެ ބޮޑަށް މީހުންނަށް ފެންނާނެ ގޮތް ހެދުމަކީވެސް މި މުބާރާތުގެ މަގުސަދެއް ކަމަށް އެ އިދާރާއިން ބުނެއެވެ.
ދިވެހި ފަރުދުންނަށާއި، ގްރޫޕްތަކަށާއި، ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބާރުއަޅަނީ، ދިވެހިވަންތަކަން ރަމްޒުކޮށްދޭ، ހުރިހާ ދާއިރާއަކަށް ފެތޭ، ޒަމާނީ އަދި ފަސޭހައިން ވަކިކުރަން އެނގޭ ފަދަ އުފެއްދުންތެރި ފަރުމާތަކަކަށެވެ. މުބާރާތުން ހޮވޭ އެންމެ ފުރިހަމަ ފަރުމާ އަކީ ރާއްޖޭގެ މާލީ ހޭލުންތެރިކަމުގެ ރަސްމީ ބްރޭންޑަށް ވެގެންދާއިރު، މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 100,000 (އެއްލައްކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުންތައް ހުށަހަޅުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ އުސޫލުތައް އެމްއެމްއޭގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
33 އަހަރަށްފަހު "ދަ ލޭޓް ޝޯ" ހުއްޓާލަނީ!
އީރާނަށް ހަމަލާދޭން ފެށުމާ ގުޅޭގޮތުން ޓްރަމްޕް މަޝްވަރާކުރަނީ
"މިއީ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒުފޯރުވާކަމުގެ ހެއްކެއް"