ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރި ކްރޫޒް ޝިޕެއްގައި ތިބި ބައެއްގެ ގައިން ފެނިފައިވާ ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނީ ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރަމުން އަންނަ ކްރޫޒް ލައިނާއަކުން ހަންޓާ ވައިރަސް ފެނުމާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ މެދުވެރިކޮށް އެ އެޖެންސީން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭސްއެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހެއް (ކޮންޓެކްޓެއް) ވެސް ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ރާއްޖެއަށް މި ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް ކަމަށް ވެސް އެ އެޖެންސީން ބުނެ އެވެ.
އެޗްޕީއޭއިން ބުނީ ބައްޔާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބެމުންދާ ވަރަކުން އެ އެޖެންސީން އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.
ހަންޓާ ވައިރަހަކީ، މައިގަނޑު ގޮތެއްގައި މީދަލާއި އެފަދަ ޖަނަވާރުގެ ޒަރީއާއިން ފެތުރޭ ވައިރަހުގެ ބާވަތެކެވެ. އިންސާނުންގެ މެދުގައި މި ވައިރަސް ފެތުރެނީ، މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި، ކުޅާއި ނުވަތަ ނަޖިހުގައި އަތްލެވިގެންނެވެ. މީގެ އިތުރުން، ވައި ނުވަންނަ ބަންދު ތަންތަނުގައި ހުންނަ މީދަލުގެ ނަޖިހުގެ ޕާޓިކަލްސް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ދިއުމަކީ ވެސް ބަލިޖެހޭ މައިގަނޑު ސަބަބެކެވެ.
މި ބަލީގެ ނުރައްކާ ބައެއް ފަރާތްތަކަށް ބޮޑުވި ނަމަވެސް، އާންމު ސިއްހަތަށް އޮތް ނުރައްކާ ކުޑަ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ކަނޑައަޅާފަ އެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި، ބައިނަލްއަގުވާމީ ސިއްހީ ގަވާއިދުތަކުގެ (އައިއެޗްއާރް)ގެ ދަށުން އެކި ގައުމުތަކުގެ ސަރުކާރުތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން، ބަލި ފެތުރުން ހުއްޓުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ރައީސް މުއިއްޒުގެ ބަޔާން ނެގިކަން ސާފުކޮށްދޭން ދެކޮޅު ހަދައިފި