ބޭންކު އެކައުންޓްތަކާއި ކާޑުތައް ކުއްޔަށް ދޭ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ، އެއީ ގާނޫނީ ގޮތުން ބޮޑު ކުށެއް ކަމަށް ބުނެ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހާއްސަކޮށް ޓިކްޓޮކް އަދި ޓެލެގްރާމް ފަދަ އެޕްލިކޭޝަންތަކުގައި "ބޭންކް އެކައުންޓް ކުއްޔަށް ނަގަނީ" ނުވަތަ "ފަސޭހައިން ފައިސާ ހޯދުމަށް އެކައުންޓް ދީ" ފަދަ އިބާރާތްތަކުން އިޝްތިހާރުކޮށްގެން މީހުންގެ އެކައުންޓްތައް އަތުލުމުގެ އަމަލުތައް ދަނީ ހިންގަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ބޭންކު އެކައުންޓަކީ އަމިއްލަ އެއްޗެއް ކަމަށާއި، އެކައުންޓުގެ މައުލޫމާތާއި، ކާޑުގެ ޕިން ނަންބަރު އަދި އޯޓީޕީ އެއްވެސް ހާލަތެއްގައި އެހެން މީހަކަށް ހިއްސާކޮށްގެން ނުވާނެ ކަމަށެވެ. އަދި އެކައުންޓެއް ބޭނުންކޮށްގެން ހިންގާ ކޮންމެ މުއާމަލާތެއްގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެ އެކައުންޓެއްގެ ވެރިފަރާތުން ކަމަށްވެސް ފުލުހުން ހަނދާންކޮށްދިނެވެ.
ބޭންކު ކާޑު ނުވަތަ އެކައުންޓް ކުއްޔަށް ދިނުމަކީ މަނީ ލޯންޑަރިން ކަހަލަ ބޮޑެތި ކުށްތަކަށް މަގުފަހިވާ ކަމެއް ކަމަށާއި މީގެ ސަބަބުން ޖިނާއީ ދައުވާ އުފުލި، ބޭންކިން ހިދުމަތްތަކުން މީހާ މަހްރޫމްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، އެކައުންޓް ކުއްޔަށް ދޭ މީހުންނާއި ކުއްޔަށް ނަގާ މީހުންނާ މެދު މާލީ އިދާރާތަކާ ގުޅިގެން ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފަ އެވެ. އަދި މިފަދަ އިޝްތިހާރުތައް ސޯޝަލް މީޑިއާގައި ޝެއާ ނުކުރުމަށާއި، މިފަދަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށްވެސް އާންމުންގެ ކިބައިން އެދިފައިވެއެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ، ބީއެމްއެލްގެ ކާޑުތަކުގެ ޑޮލަރު ލިމިޓު ބޭނުންކޮށްގެން ނާޖާއިޒު މުއާމަލާތްތައް ހިންގާކަން ފާހަގަކުރެވިފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި އެކަކު 100 އަށް ވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސްގެން ބޭރު ފައިސާ ނަގާފައިވާ ބޮޑު މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ. މިހާރު ބީއެމްއެލްއިން ވަނީ ބޭރު ގައުމުތަކުގައި ކާޑު ބޭނުންކުރެވޭ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
ބަރުދަން ލުއިކުރަން އެޑޭލްގެ ހަޔާތަށް ގެނައީ އާދައިގެ ބަދަލެއް!
ވޯލްޑް ކަޕް 2026ގެ ރަސްމީ ލަވަ: ޝަކީރާއަށް ހެޓްރިކެއް!
އެންމެ ފަހުން ބްރިޓްނީ ކުށަށް އިއުތިރާފު ވެއްޖެ