"ޝަކްތީމާން" އަދި "މަހާބާރަތު" ކަހަލަ މަޝްހޫރު ސިލްސިލާތަކުން ފެނިގެންދިޔަ މުކޭޝް ކަންނާ އަކީ މިއަދާ ހަމައަށްވެސް ހުސްހަށިބަޔަށް ހުރި ތަރި އެކެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ ކައިވެނި ނުކުރީ އޭނާ ކުޅުނު މަހާބާރަތުގެ ކެރެކްޓަރު ފަދައިން ކައިވެނި ނުކުރުމަށް އަހުދެއް ކޮށްގެންނެވެ.
ނަމަވެސް، ދާދި ފަހުން ދިން އިންޓަވިއުއެއްގައި މުކޭޝް ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާ އަކީ ކައިވެންޏާ ދެކޮޅު މީހެއް ނޫނެވެ.
މުކޭޝް ހާމަކުރި ގޮތުގައި ކައިވެންޏަކީ މީހެއްގެ ނަސީބުގައި ލިޔެވިފައިވާ ކަމެކެވެ. "ކައިވެންޏަކީ ދެމީހެއްގެ ރޫހު ގުޅުމެވެ. އެއީ ހަމައެކަނި ދެމީހަކު އެއްބަސްވުމަކުން ކުރެވޭ ކަމެއް ނޫން،" އޭނާ ބުންޏެވެ.
އޭނާ އިތުރަށް ކިޔައިދިން ގޮތުގައި، އޭނާގެ ދިރިއުޅުމުގައި ކައިވެނި ކުރުމަށް އެކަށީގެންވާ ވަގުތެއް ނުވަތަ އެކަށީގެންވާ ބައިވެރިއަކު ނަސީބުގައި ނެތީ އެވެ.
އެއާއެކު އޭނާއަކީ ދުވަހަކުވެސް ކައިވެނި ނުކުރަން ނިންމައިގެން ހުރި މީހެއް ނޫން ކަމަށާއި، އެކަމަކު ވަގުތު ފާއިތުވެގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ.
މިހާރު އުމުރުން 67 އަހަރުވެފައިވާ މުކޭޝް ބުނި ގޮތުގައި، އޭނާގެ އާއިލާއިންވެސް މީގެ ކުރިން ކައިވެނި ކުރުމަށް ވަރަށް ބާރުއެޅި އެވެ. ނަމަވެސް އޭނާ ގަބޫލުކުރަނީ ކައިވެންޏަކީ މަޖުބޫރުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މުކޭޝް މިހާރު ބޮޑަށް އިސްކަންދެނީ އޭނާގެ މަޝްހޫރު ކެރެކްޓަރު "ޝަކްތީމާން" އަލުން އެނބުރި ސްކްރީނަށް ގެނައުމުގެ މަސައްކަތަށެވެ. ގިނަ ދުވަސްތަކަކަށްފަހު އޭނާ ވަނީ ދާދި ފަހުން އަނެއްކާވެސް ޝަކްތީމާންގެ ހެދުމުގައި ފެނިލާފަ އެވެ.
އެންމެ ފަހުން ބްރިޓްނީ ކުށަށް އިއުތިރާފު ވެއްޖެ
ފުލުހުންގެ ތަހުގީގަށްފަހު އީޝާގެ މާނަފުން މެސެޖެއް
އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 26 ބާވަތް ނުލިބޭ!