އެމެރިކާގެ އުޅަނދުފަހަރަށް އީރާނުން ހަމަލާދީފި ނަމަ، އީރާނަކީ ދުނިޔޭގެ ޗާޓުން ފޮހެލާނެ ތަނަކަށް ހައްދަވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ. ހޮރްމޫޒް ކަނޑުއޮޅީގައި އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން، ދެ ގައުމުގެ މެދުގައި އޮތް ސުލްހައިގެ އެއްބަސްވުން މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.
މި ސަރަހައްދުގައި ހަމަނުޖެހުންތައް އަލުން ފެށިފައިވަނީ ހޯމަ ދުވަހު އީރާނުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ހަމަލާދިނުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ހޮރްމޫޒް ކަނޑުއޮޅި ކައިރިން އީރާނުގެ ކުދި ހަތް ބޯޓަކަށް އެމެރިކާ ސިފައިން ވަނީ ހަމަލާދީފަ އެވެ. ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވަނީ ވޮޝިންޓަނުގެ އަސްކަރީ ބާރުވެރިކަން ފާހަގަކުރައްވައި، އީރާނަށް ދެއްވާ އިންޒާރުތައް އާކުރައްވާފަ އެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ މުހިއްމު މަގުތައް އީރާނުން ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށާއި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް މަގުދެއްކުމަށްޓަކައި ޓްރަމްޕް އެކުލަވާލެއްވި "ޕްރޮޖެކްޓް ފްރީޑަމް" ކިޔާ ޕްލޭނަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ވަނީ އަމަލުކުރަން ފަށާފަ އެވެ.
އެމެރިކާގެ ވިޔަފާރި ދެ އުޅަނދަކަށް އެ ކަނޑުއޮޅިން ދަތުރުކުރުމަށް އެހީތެރިވެދީފައިވާނެ ކަމަށް ވޮޝިންޓަނުން ބުނި ނަމަވެސް، އުޅަނދުފަހަރުގެ ދަތުރުފަތުރު ބަލާ ވެބްސައިޓްތަކުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރު އަދިވެސް އޮތީ ގާތްގަނޑަކަށް މެދުކެނޑިފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ އިސްވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ތާށިވެފައިވާ އުޅަނދުފަހަރަކީ މި ހަމަނުޖެހުމުގައި އެއްވެސް ބައިވެރިވުމެއް ނެތް 87 ގައުމަކަށް ނިސްބަތްވާ އުޅަނދުފަހަރެވެ.
ދެކުނު ކޮރެއާގެ އުޅަނދަކަށް ހަމަލާދިނުން
ހޯމަ ދުވަހު އީރާނުން ވަނީ ކަނޑުއޮޅި ކައިރިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމުގެ ގާބިލުކަން އަދިވެސް އެގައުމުގެ ކިބައިގައި ހުރިކަން ހާމަކޮށްފަ އެވެ. ޔޫއޭއީގެ އައްސޭރިފަށުން ދަތުރުކުރި ދެކުނު ކޮރެއާގެ އުޅަނދެއްގައި ގޮވުމެއް ގޮވައި، އަލިފާން ރޯވެފައިވާކަން އެ ގައުމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މީގެ އިތުރުން، ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނި ގޮތުގައި އެ ސަރަހައްދުގައި އޮތް އެހެން ދެ އުޅަނދެއްގައި ވެސް އަލިފާން ރޯވި ކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ.
ހޮރްމޫޒް ކަނޑުއޮޅި އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހުޅުވުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޓްރަމްޕް، ދެކުނު ކޮރެއާގެ އުޅަނދަށް ދިން ހަމަލާއާ ގުޅިގެން، އެމެރިކާގެ މަސައްކަތުގައި ބައިވެރިވުމަށް ސޯލްއަށް ގޮވާލެއްވި އެވެ.
"ޕްރޮޖެކްޓް ފްރީޑަމްގެ ދަށުން އުޅަނދުފަހަރު ދަތުރުކުރަމުންދަނިކޮށް، އީރާނުން ވަނީ މިކަމާ ގުޅުމެއް ނެތް ގައުމުތަކުގެ އުޅަނދުފަހަރަށް ހަމަލާދީފައި، އޭގެ ތެރޭގައި ދެކުނު ކޮރެއާގެ މުދާ އުފުލާ ބޯޓެއް ވެސް ހިމެނޭ. ފަހަރެއްގައި މިއީ ދެކުނު ކޮރެއާ މި މިޝަނާ ގުޅެންވީ ވަގުތު ކަމަށް ވެދާނެ،" ޓްރަމްޕް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީ 'އިރްނާ' އިން ރިޕޯޓުކޮށްފައި ވާގޮތުން، އީރާނުގެ ހަނގުރާމަމަތީ އުޅަނދުތަކެއް ފައްތާލާފައިވާ ކަމަށް ބުނެ އެމެރިކާއިން ކުރާ ދައުވާއަކީ ދޮގެކެވެ.
އެމެރިކާއަކީ އަމިއްލައަށް ބޭނުންވާ ވަރަށް ތެޔޮ އުފައްދާ ގައުމަކަށް ވީ ނަމަވެސް، ފެބްރުއަރީ 28 ގައި ފެށުނު އެމެރިކާ-އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ އެވެ.
އެމެރިކާގައި ތެލުގެ އަގު ހަނގުރާމައިގެ ކުރިން 3 ޑޮލަރަށް ވުރެ ދަށުގައި ހުރުމަށްފަހު، ހޯމަ ދުވަހު ވަނީ 4.45 ޑޮލަރަށް ވުރެ މައްޗަށް ގޮސްފަ އެވެ. މިއީ ކުރިއަށް އޮތް އެމެރިކާގެ ކޮންގްރެސްގެ މެޖޯރިޓީ ކަނޑައަޅާ މުހިންމު މިޑްޓާމް އިންތިހާބާ ދިމާކޮށް އިންފްލޭޝަން އިތުރުވުމަށް މެދުވެރިވި ސަބަބެކެވެ.
ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަން ދޭނެ ކަމަށް ވޮޝިންޓަނުން ބުނި ނަމަވެސް، އޭގެ ސަބަބުން ހަކަތައިގެ ބާޒާރަށް އެދެވޭ ބަދަލެއް ނައެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގާއި އެމެރިކާގައި ޕެޓްރޯލްގެ އަގު ހޯމަ ދުވަހު ވެސް ދިޔައީ މަތިވަމުންނެވެ.
ލުބުނާނުގެ 'އަލް މަޔާދީން' ނޫހުން އީރާނުގެ އިސް އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އަދިވެސް އޮތީ ތެހެރާންގެ އަތްމަތީގައި ކަމަށެވެ.
ޔޫއޭއީއަށް އީރާނުގެ ހަމަލާ
ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އީރާނުން ވަނީ ހޯމަ ދުވަހު ޔޫއޭއީއަށް ދޭ ހަމަލާތައް އަލުން ފަށާފަ އެވެ. ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ބެލިސްޓިކް 12 މިސައިލަކާއި، 3 ކުރޫޒް މިސައިލްގެ އިތުރުން 4 ޑްރޯން ހުއްޓުވާފަ އެވެ.
ފުޖައިރާގެ މީޑިއާ އޮފީހުން ކަށަވަރުކޮށްދިން ގޮތުގައި، އީރާނުގެ ހަމަލާއެއްގެ ސަބަބުން ފުޖައިރާ ޕެޓްރޯލިއަމް އިންޑަސްޓްރީ ޒޯނުގައި އަލިފާން ރޯވެ، ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ. ޔޫއޭއީއާއި ގަލްފުގެ ބައެއް އެހެން ގައުމުތަކުން ވަނީ އީރާނުގެ މި ހަމަލާތައް ކުށްވެރިކޮށްފަ އެވެ.
އީރާނުގެ އޮފިޝަލަކު އެ ގައުމުގެ ރަސްމީ ބްރޯޑްކާސްޓިންގް (އައިއާރުއައިބީ) އަށް މައުލޫމާތު ދެމުން ބުނީ، ފުޖައިރާއަށް ދިން ހަމަލާއަކީ އެމެރިކާގެ ސިޔާސަތުގެ ނަތީޖާ ކަމަށެވެ. ތެޔޮ ރައްކާކުރާ ތަންތަނަށް ހަމަލާދިނުމުގެ އެއްވެސް ރޭވުމެއް އީރާނުން ނުގެންގުޅޭ ކަމަށާއި މި ހިނގި ކަމަކީ ހޮރްމޫޒް ކަނޑުއޮޅިން ގަވާއިދާ ހިލާފަށް އުޅަނދުފަހަރު ވެއްދުމަށް އެމެރިކާގެ އަސްކަރިއްޔާއިން ހިންގި ނުރައްކާތެރި އަމަލުގެ ނަތީޖާ ކަމަށެވެ. މީގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާގެ އަސްކަރިއްޔާއިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް މަސައްކަތް ކުރަމުންދާ އިރު، އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން އަދިވެސް ދެމިއޮތް ކަމަށް އެމެރިކާއިން ބުނެއެވެ. ސެންޓްކޮމް އިން ހޯމަ ދުވަހު ބުނި ގޮތުގައި، ކަނޑުގެ މަގުން އަޅާފައިވާ މި ހުރަސްތަކާއިއެކު ވިޔަފާރިކުރާ 50 އުޅަނދެއްގެ މިސްރާބު އެމެރިކާ ސިފައިން ވަނީ ބަދަލުކުރުވާފަ އެވެ.
މާލޭގެ މަގު ހެދުން ލަސްވަނީ ޗައިނާގެ ސަބަބުން: މުއްތޮލިބު
ރާބުއިމާ ދުރުވުމުން ދިރިއުޅުމަށް އައި ބަދަލު ޓޮމް ކިޔައިދީފި
ދިރާގުން "ބޮޑު އީދަށް ރިސޯޓަށް" ޕްރޮމޯޝަން އިއުލާނުކޮށްފި