ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދި ޕީއެންއެފްއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެހެން ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަށް ތާއީދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންދާ ބައްދަލުވުމަކަށް ހުރަސްއެޅޭ ފަދަ އަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވާ ތަނެއްގައި އެއްވަގުތަކާ ދިމާކޮށް، އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތްކުރުމަކީ ވެސް ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ ޕީއެންއެފް އިން ބާއްވާ އެއްވުންތަކާއި ހިންގާ ހަރަކާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ތަކުރާރުކުރަމުންދާކަމަށް އެ ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ، އެފަދަ އަމަލުތައް ނުހިންގަން ނަސޭހަތްތެރިވެފައިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މީގެއިތުރުން އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ކޮމިޝަނަށް ދައުވަތު ދީފައިވީނަމަވެސް ކޮމިޝަނަށް ހާޒިރުވުމަށް ޕީއެންއެފް އިން އުޒުރުވެރިވެފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ވީމާ އިސްވެ ބަޔާންވެދިޔަ އަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އެ ކޮމިޝަނުން އަޅާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.