ވިއްސާރަ މޫސުމަކީ ހޫނުގަދަ ދުވަސްތަކަށްފަހު ފިނިކަން ގެނެސްދޭ މޫސުމަކަށް ވީނަމަވެސް، މިއީ ބަލިމަޑުކަން ފެތުރުމުގެ ފުރުސަތު ބޮޑު ދުވަސްވަރެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާ ކޮށްފައިވާއިރު ވިއްސާރަ ދުވަސްވަރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބައެއް ކަންކަމަށް ސަމާލުވާންޖެހެ އެވެ.

ސާފު ބޯފެން ބޭނުންކުރުން

ވިއްސާރަ ދުވަސްވަރު ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތައް އިތުރުވެ އެވެ. އެހެންކަމުން، ބޯން ބޭނުންކުރާ ފެނަކީ ރަނގަޅަށް ކައްކާފައިވާ ފެން ނުވަތަ ރައްކާތެރި ގޮތުގައި ފިލްޓަރު ކޮށްފައިވާ ފެންކަން ކަށަވަރު ކުރަންވާނެ އެވެ. ބޭރުން ކާއިރުވެސް ފެނުގެ ސާފުތާހިރުކަމަށް ސަމާލުކަން ދޭށެވެ.

އަތް ދޮވުމުގެ އާދަ ހަރުދަނާ ކުރުން

ޖަރާސީމުތަކުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ އަތް ދޮވުމެވެ. ބޭރުން ގެއަށް އައުމަށްފަހުގައާއި، ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަކީ އިންފެކްޝަންތަކުން ދުރުކޮށްދޭނެ ކަމެކެވެ. ސެނިޓައިޒާ ބޭނުންކުރުމަކީވެސް މި ދުވަސްވަރު ބޭނުންތެރި ކަމެކެވެ.

މަދިރިން ރައްކާތެރިވުން

ވިއްސާރަވުމުން ތަންތަނުގައި ފެން ހަރުލައި، މަދިރި އާލާވާން ފަސޭހަވެ އެވެ. މީގެ ސަބަބުން ޑެންގީ އަދި މެލޭރިއާ ފަދަ ބަލިތައް ފެތުރެ އެވެ. ގޭގެ ވަށައިގެން ފެން ހަރުލާފައި ހުންނަ ތަންތަން ސާފުކޮށް، މަދިރިން ސަލާމަތްވާން ބޭނުންކުރާ އާލާތްތައް ބޭނުންކުރުމާއި، ނިދާއިރު "ރެޕަލެންޓް" ބޭނުންކުރުން މުހިއްމެވެ.

މޭވާއާއި ތަރުކާރީ ރަނގަޅަށް ދޮވުން

މި މޫސުމުގައި ތަރުކާރީއާއި މޭވާގައި ފަނިފަކުސައާއި ޖަރާސީމު ހުރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ބޭނުންކުރުމުގެ ކުރިން ގިނަ ވަގުތު ފެނުން ދޮވެ، ސާފުކުރަންވާނެ އެވެ. ޚާއްޞަކޮށް ފަތްކޭލުގެ ބާވަތްތަކަށް އިތުރަށް ސަމާލުވާންޖެހެ އެވެ.

ދިފާއީ ނިޒާމު ވަރުގަދަކުރުން

ބަލިތަކާ ހަނގުރާމަކުރުމަށްޓަކައި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރަންޖެހެ އެވެ. ވިޓަމިން ސީ ގިނައިން އެކުލެވޭ މޭވާތަކާއި (ލުނބޯ، އޮރެންޖު)، އިނގުރު ފަދަ ތަކެތި ކެއުމުގައި ބޭނުންކުރުން އިތުރުކުރާށެވެ. މި ތަކެއްޗަކީ ރޯގާއާއި ކެއްސުމުން ރައްކާތެރިކޮށްދޭނެ ތަކެއްޗެވެ.

މި ކަންތައްތަކަށް ސަމާލުކަން ދީގެން އުޅުމަކީ ވިއްސާރަ މޫސުމުގައި ކުރިމަތިވާ ސިއްހީ މައްސަލަތަކުން ސަލާމަތްވެ، އުފާވެރިކަމާއެކު ދުވަސްތައް ހޭދަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.