އަންނަ މަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ ހަވީރު 6:00 ޖެހުމާ ހަމައަށެވެ. މި މުއްދަތުގައި ތިން ބޭފުޅަކު ނަން ހުށަހަޅާފައި ވާތީ، ކެންޑިޑޭޓުންގެ ނަންބަރާއެކު ނަންތައް ވަނީ އާންމުކޮށްފަ އެވެ.
ޗެއާޕާސަން ކަމަށް ޝަރުތު ހަމަވާ މީހުންގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހިމެނެ އެވެ.
އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅުން:
- ކެންޑިޑޭޓް ނަމްބަރު 1 - މުހައްމަދު ނަޝީދު ، ގ. ކެނެރީގެ ކ. މާލެ
- ކެންޑިޑޭޓް ނަމްބަރު 2 - އިބްރާހިމް މުހައްމަދު، (ވާޑު) ހުދުވިލާގެ ލ. ފޮނަދޫ
- ކެންޑިޑޭޓް ނަމްބަރު 3 - މީކާއިލް އަހުމަދު ނަސީމް، ގ. ބަރޯސާ، ކ. މާލެ
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިިހާބު ޖޫން 12 އަށް އިންތިހާބު ފަސްކުރީ ވެސް ކައުންސިލް އިންތިހާބު ގާތްވެފައި އޮތުމުން، އެ އިންތިހާބަށްފަހު ބޭއްވުމަށެވެ. މި އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ގެންދަވަނީ ފޯރިއާއެކު ކެމްޕޭން ކުރައްވަމުންނެވެ.
މި ކެމްޕޭން ފަށާފައި ވަނިކޮށް ފައިސާ ނެތް ކަމަށް ބުނެ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފަހުން ޗެއާޕާސަންގެ އިންތިހާބު ބާއްވަން ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރޫ މޫސާ (ގަޕޯ) ހުށަހެޅުއްވި އެވެ. ނަމަވެސް އެ ހުށަހެޅުއްވުމާ ގިނަ ބަޔަކު ވަނީ ދެކޮޅު ހަދައިފަ އެވެ.
ކުޑަކުދިން ބޭރަށް ނެރެން ޖެހޭ ސަބަބު މިއޮތީ!
ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ގަޕޯ ހުށަހަޅުއްވައިފި
ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ފައްޔާޒާއި މީކާއީލް ދެކޮޅު