މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބު ނުބާއްވައިފިނަމަ، ޕާޓީގެ މަސްލަހަތު މިހާރަށްވުރެ ބޮޑަށް ގޯސްވެގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ޕާޓީގެ ޗެއާޕާސަން ކެމްޕޭނުގައި ބަޔަކާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް ހުރިކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހާ މެދު ހިތްހަމަނުޖެހޭ މީހުން ޕާޓީގައި ތިބި ފަދައިން، އެމަނިކުފާނާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު ތިބިކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ޕާޓީގެ ތެރޭގައި ތާއީދު އޮތީ ކޮން ފަރާތަކަށްތޯ ސާފުނުވާނަމަ، ކަންކަން ހައްލުކުރުމުގެ ނަމުގައި ކުރެވޭނެ ހަމައެކަނި ކަމަކީ ރައީސް ސާލިހާ އެކު ފޮޓޯއެއް ނެގުމެވެ. ނަމަވެސް އެއީ ދާއިމީ ހައްލެއް ނޫން ކަމަށާއި، އެފަދަ ކަމަކުން ހިތްހަމަޖެހުން ލިބުނަސް ހަފްތާއެއްހާ ދުވަސް ފަހުން އަނެއްކާވެސް ހިތްހަމަނުޖެހުންތައް އުފެދިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ތާއީދު ގިނައީ ކޮން ބަޔަކަށް ކަން ނޭގެންޏާ އަނެއްކާ ވެސް ޖެހޭނީ ރައީސް ސާލިހް އާ އެކު ތި ބޭފުޅުން ހިތްހަމަ ޖައްސަން ފޮޓޯއެއް ނަގަން. އެކަމަކު ހަފްތާއެއް ފަހުން އަނެއްކާވެސް ހިތްހަމަނުޖެހުން އުފެދޭނެ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތަކީ އިންތިހާބު ބާއްވައި، މެންބަރުން ބޭނުންވާ ގޮތް ނިންމުން ކަމަށެވެ. އަދި އިންތިހާބު ބާއްވައިގެން މިކަން ނިންމުމަކީ ޕާޓީއަށް ލިބޭނެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ޕާޓީގެ އެތެރޭގައި ތަފާތު ދެ ފިކުރެއް އުފެދި، ލީޑަޝިޕްގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.