ސާބިތު ދަރަންޏެއް ނުދައްކައިގެން ގޮނޑި ގެއްލުމުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި- އިލެކްޝަންގައި މުހައްމަދު ސިނާން (ސިނާ) ވާދަނުކުރަން ނިންމައިފި ޕީއެންސީގެ ޓިކެޓް ދޫކޮށްލަން ނިންމައިފި އެވެ.
ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް މިމަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ޣާލިބް ސަލީމް ކިޔާ މީހަކު ހުށަހެޅުމުންނެވެ.
ސިނާ ވިދާޅުވީ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރި ސިނާ ބައި އިލެކްޝަންގައި ވާދަ ނުކުރަން ނިންމީ ދާއިރާގެ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ޕާޓީއަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށެވެ.
ސިނާން އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ފާއިތުވި ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ކުރެވުނު މަޝްވަރާތަކުން، މިފަހަރުގެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވުން އެންމެ ގާތީ އޭނާ ފަހަތަށް ޖެހިވަޑައިގަތުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން، އާ ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިނާން އިތުރަށް ވިދާޅުވީ، ޕާޓީގެ ރައީސަށާއި ލީޑާޝިޕަށް މިކަން މިހާރު އަންގާފައިވާ ކަމަށާއި، ޕާޓީން އެ ނިންމުމަށް އިހުތިރާމާއެކު ބަލައިގަނެފައިވާ ކަމަށެވެ. އަދި އިންތިޚާބުގައި އޭނާ ވާދަނުކުރެއްވި ނަމަވެސް، ޕީއެންސީން ދެން ނުކުންނަ ކެނޑިޑޭޓަކު ހޮވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި އޭނާގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފަ އެވެ.
"އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ ހުރިހާ ރައްޔިތުން އައު ރޫހެއްގައި އަޅުގަނޑާއެކު ނުކުމެ އަޅުގަނޑުމެންގެ ޕާޓީގެ ކެނޑިޑޭޓް އިންތިޚާބު ކޮށްދެއްވުމެވެ،" ސިނާންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ޕާޓީގެ ޕްރައިމަރީގައި އޭނާއަށް ތާއީދުކުރި މެންބަރުންނަށް ޝުކުރު އަދާކުރައްވަމުން ސިނާން ވިދާޅުވީ، ޕާޓީން ކެނޑިޑޭޓަކު ދެއްކިހާ އަވަހަކަށް އެ ބޭފުޅަކާއެކު ދާއިރާގެ ރައްޔިތުންގެ ގާތަށް ކެމްޕޭނަށް ނުކުންނަވާނެ ކަމަށެވެ. މީގެ އިތުރުން ޕްރައިމަރީގެ ކާމިޔާބީއަށްފަހު ޕާޓީގެ ލީޑަޝިޕުން ވިދާޅުވި މަރުޙަބާއަށްޓަކައި ވެސް އޭނާ ވަނީ ޝުކުރު ދަންނަވާފަ އެވެ.
މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ގޮނޑި ކާމިޔާބު ކުރާނީ ވެސް ސޯބެ އެވެ.
އަދަދު ނޫހުގެ އެޑިޓަރު ހަސަން ފުލުހަށް ހާޒިރުކުރުމުން ހުރީ ހަނު!
މުއިއްޒުގެ ދިފާއުގައި ބަސް ބުނަން އަންގައިފި