އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކުގަ އެވެ. މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، ގާނޫނުއަސާސީން ވަޒީރުންނާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި އިހުމާލުވުމާއި، މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގަތުން ހިމެނެއެވެ. އަދި ވަޒީރެއްގެ މަގާމުގައި ހުންނަވައިގެން ކުރުން މަނާ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށްވެސް އެމްޑީޕީން ތުހުމަތުކުރެއެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި މައިގަނޑު ހަ ކަމެއް ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވަމުންދާ މައްސަލަ ހިމެނެއެވެ. އެގޮތުން، އިގްތިސާދީ އިސްލާހުތައް ގެނައުމަށް އެދެވޭ ސިޔާސަތުތަކެއް ތަންފީޒު ނުކުރެވުމުގެ ސަބަބުން ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާކަން އެ ޕާޓީން ފާހަގަކުރެއެވެ. ނަމަވެސް، މި މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އެއީ ތަބީއީ ކަމެއް ކަމަށް ވިދާޅުވެ، މިނިސްޓަރު މައްސަލައިގެ ސީރިއަސްކަން ކުޑަކުރައްވާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
މީގެ އިތުރުން، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގައި ސައީދު އިހުމާލުވެވަޑައިގެންފައިވާ ކަމަށްވެސް އެމްޑީޕީން ތުހުމަތުކުރެއެވެ. ދައުލަތުގެ މާލީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ރާއްޖޭން ބޭރުގައި ބޭއްވި ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތުތަކަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާކަން އެ ޕާޓީން ފާހަގަކުރެއެވެ.
މިސާލެއްގެ ގޮތުން އެމްޑީޕީން ފާހަގަކޮށްފައިވަނީ، އަދިވެސް ހިދުމަތް ފެށިފައި ނުވާ ޑިވެލޮޕްމެންޓް ބޭންކުގެ މައްސަލަ އެވެ. އެ ބޭންކުގެ މަސައްކަތްތައް ނުފެށި އޮތް ނަމަވެސް، މިދިޔަ މާޗު މަހުގެ ނިޔަލަށް އެ ބޭންކަށް 6.56 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅިފައި މިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ.
ކުޑަ ކުދިންނަށް ތި ހީކުރާ ވަރަށްވުރެ ގިނައިން ނިދި ބޭނުންވޭ!
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ރިޓަޔާކުރައްވައިފި
މޮރޮކޯއިން ސްޕެއިނަށް އެތެރެވާން އުޅުން 57 މީހުން މަރުވެއްޖެ