އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ ކުޑަ އާއިލާއެއްގެ އުމުރުން 13 އަހަރުގެ ޒައިނަބާއި، އޭނާގެ ދައްތަ އާއި، މައިންބަފައިން ހޮނިހިރު ދުވަހުގެ ރޭ ކެއުމަށް ބޭނުންކުރީ ބިރިޔާނި އެވެ. އޭގެ ފަހުން ކެއީ ކަރަލެވެ. ނަމަވެސް އާދީއްތަ ދުވަހުގެ ފަތިހު އެމީހުންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ފަރުވާ ދިނުމަށް ކުރި މަސައްކަތް ކާމިޔާބު ނުވެ، އެ އާއިލާގެ ހަތަރު މީހުން ވަނީ ފަހަރަކު މީހަކު މަރުވެފަ އެވެ. މިއީ މުޅި މުމްބާއީ ސިއްސުވާލި ހިތާމަވެރި ހާދިސާއެކެވެ.
ފުލުހުން ބުނާ ގޮތުގައި މި މަރުތަކަކީ ކާނާ ވިހަވުމުގެ ސަބަބުން ހިނގާފައިވާ މަރުތަކެއް ކަމަށް ބެލެވެއެވެ.
ބިރިޔާނި ކެއުމެއް
މޯބައިލް ފޯނުގެ އެސިސަރީޒް ވިއްކާ ވިޔަފާރިވެރިއެއް ކަމަށްވާ އުމުރުން 40 އަހަރުގެ އަބްދުﷲ އަބްދުލް ގާދިރާއި، އޭނާގެ އަންހެނުން ނަސްރީން (35 އަހަރު) އަދި ދެ ދަރިން ކަމަށްވާ ޒައިނަބާއި އާއިޝާ (16 އަހަރު)، އިތުރު ފަސް ތިމާގެ މީހަކާއެކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވީ ހޮނިހިރު ދުވަހުގެ ރޭ 10:30 އެހާކަންހާއިރު އެވެ. އެ ކެއުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރީ ބިރިޔާނި އެވެ. ކެއުމަށްފަހު އެ އާއިލާ ދިޔައީ ޕައިދޯނީގައި ހުންނަ އެމީހުންގެ ގެއަށެވެ.
އޭރު އެމީހުންގެ ސިއްހީ އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް ގޭގައި ތިބެފައި މެންދަމު 1 ޖަހާކަންހާއިރު އެމީހުން ކަރާ ކެއެވެ. ފަތިހު 5 ޖަހާކަންހާއިރު އެމީހުން ބަލިވާން ފެށި އެވެ. ހޮޑުލުމާއި ބޭރަށްހިންގުން ފަދަ އުނދަގޫތަކެއް ކުރިމަތިވި އެވެ. ފުރަތަމަ އާންމު ޑޮކްޓަރަކަށް ދެއްކި ނަމަވެސް، ހާލަތު އިތުރަށް ގޯސްވުމުން އެމީހުން ޖޭޖޭ ހޮސްޕިޓަލަށް ގެންދެވުނެވެ.
އެންމެ ފުރަތަމަ މަރުވީ ހަގު ދަރިފުޅު ޒައިނަބެވެ. އޭނާ މަރުވީ ހެނދުނު 10:15 އެހާކަންހާއިރު އެވެ. އޭގެ ފަހުން މަންމަ ނަސްރީނާއި ބޮޑު ދަރިފުޅު އާއިޝާ ވެސް ފަރުވާދެމުން ދަނިކޮށް މަރުވި އެވެ. ކުދިންގެ ބައްޕަ އަބްދުﷲ މަރުވީ އެރޭ 10:30 އެހާކަންހާއިރު އެވެ.
އެމީހުން އެންމެ ފުރަތަމަ ބެލި ޑޮކްޓަރު ޒިޔާދު ގުރައިޝީ ވިދާޅުވި ގޮތުގައި، ހޮސްޕިޓަލަށް ގެނައިއިރު އެމީހުން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެ، ހާލު ދެރަވެފައި ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމީހުން އެރޭ ކަރާ ކޭ ވާހަކަ ބުނެފައިވާ ކަމަށެވެ.
ޝައްކު އުފެދޭ މަރުތަކެއް
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި މައްސަލަ މިހާރު ވަނީ ރަސްމީކޮށް ރަޖިސްޓްރީކޮށް، މަރުވި މީހުންގެ ޕޯސްޓްމޯޓަމް ހަދާފަ އެވެ.
12 ގަޑިއިރުގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން މަރުވުމުގެ ފަހަތުގައިވަނީ ކާނާ ވިހަވުން ކަމަށް ޝައްކުކުރެވޭތީ، ފުލުހުން ވަނީ އެމީހުން ކެއި ކަރާގެ ބާކީ ހުރި ބައި ތަހުލީލު ކުރުމަށް ލެބޯޓްރީއަށް ފޮނުވާފަ އެވެ. މުމްބާއީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ޕްރަވީން މުންޑޭ ވިދާޅުވީ، އިތުރު ތަހުގީގަށް ހަށިގަނޑުން ސާމްޕަލްތައް ނަގާފައިވާ ކަމަށެވެ.
މި ތަހުގީގުގައި ފޮރެންސިކް ޓީމުތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ އިދާރާތަކުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެމީހުން ބޭނުންކުރި ކަރާގައި އެއްވެސް ވިހަ މާއްދާއެއް ނުވަތަ ބޭރުން އެއްކޮށްފައިވާ ނުރައްކާތެރި އެއްޗެއް ހުރިތޯ ދަނީ ބަލަމުންނެވެ. ޖޭޖޭ ހޮސްޕިޓަލުގެ މައިކްރޯބަޔޮލޮޖީ ޑިޕާޓްމަންޓުން ދަނީ އެއްވެސް އިންފެކްޝަނެއް ނުވަތަ ބެކްޓީރިއާއެއް ހުރިތޯ ބަލަމުންނެވެ.
އެމްޓީސީސީގެ ޑީއެމްޑީ ކަމުން ޝަރީފް ވަކިކޮށްފި
ކާޖަލް އާއި ދަރިފުޅު ނީސާގެ މެދުގައި 3 އަހަރުގެ ދެބަސްވުން
"އަދަދު"ގެ ސީއީއޯ ފިޔާޒް ފުރުން މަނާކޮށް، ތަކެތި އަތުލަނީ