ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ހުރަސްތަކެއް ހުރިކަމާއި، ހިދުމަތަށް އޮތް ބޭނުން އިތުރުވުމާއި، ހިދުމަތުގެ އަގު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކަށް އެކަށީގެންވާ ވަގުތުގައި ފަރުވާ ނުލިބޭކަން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހެދި ދިރާސާއަކުން ވަނީ ދައްކާފަ އެވެ.

"އެކްސެސް އެންޑް އެކްސްޕީރިއަންސަސް އޮފް ކެއާ: މެންޓަލް ހެލްތު އެންޑް ސައިކޯސޯޝަލް ސާވިސަސް އެންޑް ސަޕޯޓް އިން ދަ މޯލްޑިވްސް (2025)" ގެ ނަމުގައި ނެރުނު މި ރިޕޯޓަކީ އޭޝިއާ ފައުންޑޭޝަނާއި މޯލްޑިވިއަން ނާސަސް އެސޯސިއޭޝަން ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މިއީ ރާއްޖޭގެ 13 އަތޮޅެއް ހިމެނޭހެން، ހިދުމަތް ހޯދާ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ހެދި ދިރާސާއެކެވެ.

ނަފްސާނީ މައްސަލަތައް އިތުރުވުމާއި ހިދުމަތްތަކުގެ ދަތިކަން

މި ދިރާސާގައި އަންދާޒާކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އާބާދީގެ ކޮންމެ ދިހަ މީހަކުން ތިން މީހަކީ ނަފްސާނީ ދުޅަހެޔޮކަމުގެ އެކި ގޮންޖެހުންތަކާ ކުރިމަތިލާ ފަރާތްތަކެވެ. އަދި ފިރިހެނުންނަށްވުރެ އަންހެނުންގެ މެދުގައި ނަފްސާނީ ބަލިތަކާއި، ހާސްކަމާއި ކަންބޮޑުވުން (އެންޒައިޓީ) އިތުރުކަން ފާހަގަކުރެވިފައިވެ އެވެ. މީގެ އިތުރުން، 13 އަހަރާއި 15 އަހަރާ ދެމެދުގެ ކޮންމެ ހަ ކުއްޖަކުން އެކަކީ ވޭތުވެދިޔަ އަހަރު އަމިއްލައަށް މަރުވުމަށް ސީރިއަސްކޮށް ވިސްނާފައިވާ ކުއްޖެއް ކަމަށާއި، ކޮންމެ ހަތް ކުއްޖަކުން އެކަކު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާކަން ވެސް ދިރާސާއިން ދައްކަ އެވެ.

ނަފްސާނީ މައްސަލަތައް މިހާ ބޮޑަށް އިތުރުވެފައިވީ ނަމަވެސް، ހިދުމަތްތައް ލިބުން ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. ގިނަ ހިދުމަތްތަކަކީ މާލެ ސަރަހައްދަށް ބިނާވެފައިވާ ހިދުމަތްތަކަށް ވުމުން، އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް މިފަދަ ހިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެ އެވެ.

ނިޒާމަށް ބާރުބޮޑުވުން

ހިދުމަތްދޭ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ލިބެން ހުރި ވަސީލަތްތަކަށް ވުރެ ހިދުމަތަށް ބޭނުންވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ބައެއް ޑޮކްޓަރުންނާއި ތެރަޕިސްޓުންގެ ވެއިޓިން ލިސްޓުގައި 60 އާއި 100 އާ ދެމެދުގެ އަދަދަކަށް ބަލިމީހުން ތިބިއިރު، ރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހެލްޕްލައިނަށް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 12،000 އަށްވުރެ ގިނަ ފޯނު ކޯލު ލިބިފައިވެ އެވެ.

ދިރާސާއިން ހާމަވި ގޮތުގައި، މިހާރު ހިދުމަތް ދެވެނީ ބަލި ބޮޑުވުމުން އެކަމަށް އިޖާބަދިނުމުގެ ގޮތުންނެވެ. ބަލިވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، ބަލީގެ ކުރީކޮޅު ފަރުވާ ދިނުމަށް ދެވޭ ސަމާލުކަން ކުޑަކަމުން، ގިނަ މީހުން ހިދުމަތް ހޯދަން ދަނީ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ.

ހިދުމަތް ހޯދުމަށް ހުރި ހުރަސްތައް

ނަފްސާނީ ހިދުމަތް ހޯދުމަށް ހުރި ބައެއް މައިގަނޑު ހުރަސްތަކަކީ:

  • ނަފްސާނީ ބަލިތަކާ މެދު މުޖުތަމައު ދެކޭ ގޮތާއި އޮންނަ ނުބައި ތަސައްވުރު
  • ލިބެން ހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު މަދުވުން
  • ހިދުމަތުގެ އަގު ބޮޑުވުން (ތެރަޕީ، ބޭސް އަދި ދަތުރުފަތުރުގެ ހަރަދު)
  • ރަށްތައް ވަކިވަކިން އޮތުމުގެ ސަބަބުން ކުރިމަތިވާ ޖިއޮގްރަފިކް ގޮންޖެހުންތައް
  • ހިދުމަތް ލިބުމުގައި އޮންނަ ދިގު އިންތިޒާރު

މީގެ އިތުރުން، ކައުންސެލަރުންނާއި، ސައިކޮލޮޖިސްޓުންނާއި، ސައިކޭޓްރިސްޓުންގެ ތެރެއިން ދާންވީ ކޮން ފަރާތަކަށް ކަން ނޭނގުމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި އޮޅުންތަކެއް ކުރިމަތިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ހިދުމަތް ލިބުމުގައި ހުރި ތަފާތުކުރުންތައް

ދިރާސާއިން ދައްކާ ގޮތުގައި، އާމްދަނީ މަދު އާއިލާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ބިދޭސީން އަދި އެކަހެރި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ހިދުމަތް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. މީގެ އިތުރުން، ނުފޫޒުގަދަ މީހުންނަށް އިސްކަންދޭކަމުގެ ޝަކުވާތަކާއި، ކުދި މުޖުތަމައުތަކުގައި ސިއްރު ހިފެހެއްޓުމާ މެދު އޮންނަ ބިރުވެރިކަމަކީ ހިދުމަތް ހޯދުމަށް މީހުން ފަސްޖެހޭ ސަބަބުތަކެކެވެ.

ހަރަދު ބޮޑުވުމުގެ ސަބަބުން ފަރުވާ މެދުކަނޑާލުން

މާލީ ދަތިކަމަކީ މި ދާއިރާގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. އެގޮތުން ތެރަޕީ ސެޝަނެއްގެ އަގު 550 އާއި 15،000 ރުފިޔާއާ ދެމެދުގައި ހުރިއިރު، ބޭހަށް މަހަކު 7،000 ރުފިޔާއާ ހަމައަށް ހަރަދުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މާލެއަށް ދަތުރުކޮށްގެން ފަރުވާ ހޯދާ މީހުންނަށް، އެކަމަށް ހިނގާ ޖުމްލަ ހަރަދު 25،000 އާއި 50،000 ރުފިޔާއާ ދެމެދަށް އަރަ އެވެ. މި ސަބަބާ ހުރެ، ފަރުވާ ކުރިއަށް ގެންދަން ބޭނުންވި ނަމަވެސް، ގިނަ ބަޔަކަށް ވަނީ ފަރުވާ މެދުކަނޑާލަން މަޖުބޫރުވެފަ އެވެ.

ބޭނުންވާ ހިދުމަތާއި ލިބޭ ހިދުމަތުގެ ފަރަގު

މީހުން ބޭނުންވަނީ ނަފްސާނީ އެހީތެރިކަމާއި، ކައުންސެލިން އަދި ދިރިއުޅުމުގެ ކަންކަމާ ކުރިމަތިލާނެ ހުނަރުތައް ދަސްކޮށްދޭނެ ހިދުމަތްތަކަކަށް ވީ ނަމަވެސް، މިހާރުގެ ނިޒާމު ބޮޑަށް ބިނާވެފައިވަނީ ބޭސްވެރިކަމާއި ކްލިނިކަލް ފަރުވާއަށެވެ. ހިދުމަތް ހޯދާ މީހުންނާއި ދޭ މީހުން ވެސް ބާރުއަޅަނީ މީހާގެ ޒާތަށް ބަލައިގެން ދެވޭ، އިތުބާރު ހުރި އަދި ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރެވޭނެ ފަދަ ހިދުމަތެއް ގާއިމުކުރުމަށެވެ.

އިތުބާރުގެ މައްސަލަ

ނިޒާމަށް އޮންނަ އިތުބާރު ކުޑަވުމަކީ ވެސް މައިގަނޑު މައްސަލައެކެވެ. ސިއްރުތައް ހާމަވުމާއި، މީގެ ކުރިން ކުރިމަތިވި ނޭދެވޭ ތަޖުރިބާތަކާއި، މުޖުތަމައުން މަލާމާތް ކުރާނެ ކަމަށް އޮންނަ ބިރުގެ ސަބަބުން ރަސްމީ ހިދުމަތްތައް ހޯދުމަށް މީހުން ޖެހިލުންވެ އެވެ.

އާއިލާތަކާއި ހިދުމަތްދޭ ފަރާތްތަކަށް އޮތް ބާރު

ބަލިމީހުން ބަލަހައްޓާ އާއިލާތަކަށް ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ހަމައެއާއެކު، ހިދުމަތްދޭ ފަރާތްތަކަށް މަސައްކަތުގެ ބުރަ ބޮޑުވުމާއި، ވަރުބަލިކަން (ބާންއައުޓް) ކުރިމަތިވުމުގެ ސަބަބުން ހިދުމަތުގެ ފެންވަރަށް އަސަރުކުރެ އެވެ.

އިސްލާހީ ބަދަލުތަކާއި އަވަސް ފަރުވާގެ މުހިންމުކަން

މި ދިރާސާއިން ބާރުއަޅަނީ މުޖުތަމައުގެ ތެރެއިން ފަސޭހައިން ލިބޭނެ، އަދި ބަލިވުމުގެ ކުރިން ރައްކާތެރިކަން ހޯދައިދޭނެ ނިޒާމަކަށް ބަދަލުވުމަށެވެ. މައިގަނޑު ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ:

  • މާލެ ފިޔަވައި އެހެން ރަށްތަކަށް ހިދުމަތް ފުޅާކުރުން
  • މާލީ ހުރަސްތައް ނައްތާލައި، އިންޝުއަރެންސް މެދުވެރިކޮށް ހިދުމަތް ލިބޭނެ ގޮތް ފަސޭހަކުރުން
  • މުޖުތަމައުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދޭނެ ނެޓްވޯކްތައް ވަރުގަދަކުރުން
  • ބަލީގެ ކުރީކޮޅު ދެނެގަނެ ފަރުވާ ދެވޭނެ ނިޒާމެއް ތައާރަފުކުރުން
  • މި ދާއިރާގެ މާހިރުންނަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން އިތުރުކުރުން
  • ނަފްސާނީ ބަލިތަކަށް އޮންނަ ނުބައި ތަސައްވުރު ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުން

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތަކަށް ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ހަރަދާއި، ހިދުމަތް ލިބުމުގައި ހުރި ދަތިތަކާއި، ހޭލުންތެރިކަން ކުޑަވުމުގެ މައްސަލަތަކަށް ހައްލެއް ނުހޯދިއްޖެނަމަ، ހިދުމަތަށް އޮތް ބޭނުން ނިޒާމަށް ކެތްނުކުރެވޭ ވަރަށް އިތުރުވެގެން ހިނގައިދާނެ ކަމަށް މާހިރުން އަންދާޒާކުރެ އެވެ. އެހެންކަމުން، ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު، ފެންވަރު ރަނގަޅު ނަފްސާނީ ފަރުވާ ލިބޭނެ މަގެއް ކަށަވަރުކުރުމަށްޓަކައި ސަރުކާރާއި، ސިއްހީ ދާއިރާ އަދި މުޖުތަމައު ގުޅިގެން މަސައްކަތްކުރުން މުހިންމެވެ.