ރާއްޖޭގެ މިހާރުގެ ސިޔާސީ އަދި އިޤްތިޞާދީ ހާލަތަށް ރިއާޔަތްކުރައްވައި، ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައްވައިފި އެވެ.

ފައްޔާޒު މިކަމަށް ގޮވާލެއްވީ ސަރުކާރުގެ ކެބިނެޓަށް މިއަދު ރައީސް ގެންނަވަމުންދާ ބޮޑެތި ބަދަލުތަކާއި ގައުމުގެ މާލީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި މުޅި ކެބިނެޓަށް މިފަދަ ބޮޑު ބަދަލެއް އައުމަކީ އާދައިގެ ކަމެއް ނޫންކަމަށެވެ.

މިއީ ސަރުކާރުގެ ހަމަޖެހުމެއް ނެތްކަމާއި، ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް ތާއީދު ކުޑަވަމުންދާކަމުގެ ހެއްކެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ދުނިޔޭގެ މަސްރަޙު މިހާރު އޮތް ނުތަނަވަސް ދަނޑިވަޅާއި، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން މިފަދަ ސަރުކާރުގެ ހަމަނުޖެހުންތަކުން ނުހަނު ނޭދެވޭ އަސަރުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން، ރައީސް މުޢިއްޒު އިސްނަންގަވައިގެން ހުރިހާ ފަރާތްތަކެއް އެއް މޭޒަކަށް ގެނެސް، ޤައުމުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ފައްޔާޒު ވަނީ ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު، ގެންދަވަނީ ސަރުކާރުގެ އިސް މަގާމުތަކަށް ބަދަލުތަކެއް ގެންނަވަމުންނެވެ. އެގޮތުން މިއަދުގެ މިހާތަނަށް ނުވަ ކެބިނެޓު މިނިސްޓަރުން ވަނީ ރައީސް އަންގަވައިގެން އިސްތިއުފާ ދެއްވާފަ އެވެ.

މީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންވެސް ފާއިތުވި ދެތިން ދުވަހު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.