ބަވަނަ ވަމުންދާ ދުނިޔޭގައި ތަޢުލީމަކީ މުޙިއްމު މަސްދަރެކެވެ. އެއީ ޤައުމެއްގެ ކުރިމަގު އުޖާލާ ކުރުމަށް އެންމެ ބޭނުންތެރި އެއް ޒަރޫރަތެވެ. އެހެނީ ތައުލީމީ އަދި ހޭލުންތެރި ޖީލެއް ބިނާ ކުރުމަކީ ތައުލީމީ ނިޒާމުގެ ތެރެއިން ކުރަން ޖެހޭނެ ކަމެކެވެ. އުފެދޭ ސުވާލަކީ އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ރާއްޖޭގެ ތައުލީމީ ނިޒާމަކީ އެންމެ އެދެވޭ ނިޒާމެއްތޯ އެވެ؟ ކުލާސްރޫމުގެ ހަތަރު ފާރުން އެތެރޭގައި ފޯރުކޮށްދެވޭ ތައުލީމަކީ ވަޒީފާއާއި ދިރިއުޅުމުގެ މައިދާނަށް އެންމެ އެކަށޭނަ ތައުލީމުތޯ އެވެ؟ ހަގީގީ ތައުލީމަކީ ފޮތްތަކުގައި ލިޔެވިގެން ނުވަތަ ކޮމްޕިއުޓަރަކުން ދައްކައިގެން އުނގަންނައި ދެވޭނެ އެއްޗެއްތޯ އެވެ؟
ހަމަ ވިސްނުން ބޭނުންކޮށް ފުނުކޮށް މި ސުވާލުތަކާއި މެދު ވިސްނާލައިފި ކޮންމެ މީހެއްގެ ޖަވާބަކަށް ވާނީ ނޫން ބަހެވެ. ދެބަސްވެވެން ނެތް ހަގީގަތަކީ މިއަދު އަޅުގަނޑުމެންގެ ޤައުމުގައި އޮތް ތައުލީމީ ނިޒާމަކީ ދިރިއުޅުމުގެ މައިދާނަށް ދަރިވަރުން ތައްޔާރު ކުރެވޭނެ ފަދަ ގޮތަކަށް ބައްޓަން ކުރެވިފައި އޮތް ނިޒާމެއް ނޫންކަމެވެ. ފެންނަން އޮތް މަންޒަރަކީ މަންހަޖެއް އެކުލެވާލެވިގެން ވިޔަސް ހަމައެކަނި ކުލާސްރޫމް ތެރޭގައި ދެވޭ ތައުލީމަކީ ހޭލުންތެރި ޖީލެއް ބިނާކުރުމަށް އެންމެ އެދެވޭ އުކުޅު ނޫންކަމެވެ.
އެހެނީ ފޮތްތަކުގެ ތަޢުލީމު ނުވަތަ ތިއަރީ ތައުލީމާއި އެއްވަރަށް އަމަލީ މައިދާނުގެ ތަޖުރިބާ ނުވަތަ ޕްރެކްޓިކަލްސް އަކީ ވެސް އެހާމެ މުޙިއްމު ކަމަކެވެ. ކުރިއަރަމުން އަންނަ ޤައުމުތަކުގައި މިފަދަ އުކުޅުތައް ބޭނުން ކުރުމުން ދަރިވަރުން ސްކޫލުގެ މާޙައުލުން ނިކުމެ ދިރިއުޅުމުގެ މައިދާނާއި ކުރިމަތިލާން އަހުލުވެރިވެއެވެ. ދަރިވަރުންގެ އުމުރާއި ގުޅޭގޮތަށް މުޖުތަމައަށް ޚިދުމަތް ކުރަން ހަވާލު ކުރުމަކީ ކުރެވިދާނެ ކަމެކެވެ.
ގޮނޑުދޮށްތަކަށް އެއްވާ ކުނި ނަގައި ސާފުކުރުމަކީ ކޮންމެ އުމުރެއްގެ ކުއްޖަކަށްވެސް ކުރެވިދާނެ ކަމެކެވެ. މަގުމަތީގައި ހުރަސް ނުކުރެވިފައި ހުރި އުމުރުން ދުވަސްވީ މީހަކަށް އެހީވުމަކީ ބޮޑު ކަމެއް ނޫނެވެ. މަންހަޖުގައި ހިމެނިގެން ދަރިވަރުން ނަމާދުގެ ޖަމާޢަތްތަކަށް ގަވާއިދުން ފޮނުވުން ކިހިނެއްވާނެތޯ އެވެ. މިގޮތުގެ މަތިން ދަރިވަރުން އިޖުތިމާޢީ ގޮތުން ހޭލުންތެރިވެ މުޖުތަމަޢުގައި ފަރުދީ ޒިންމާ ނެގުމަށް އަހުލުވެރިވެ އެވެ. ދީނީ ކަންކަމަށް ލޯބި ޖެހެ އެވެ.
ހަގީގީ ތައުލީމަކީ މިއީ އެވެ. ފޮތްތަކުގެ ތަޢުލީމަކީ ވަޒީފާގެ މައިދާނުގައި ބޭނުންތެރި އެއްޗަކަށް ވިޔަސް ދިރިއުޅުމުގެ މައިދާނުގައި ބޭނުން ހިފޭނީ ލިބިފައިވާ އަމަލީ ތަޖުރިބާ އެވެ. އާ އަހަރުގެ ކިޔެވުން ފެށޭއިރު މިއީ ސްކޫލްތަކުންނާއި ބެލެނިވެރިން ވެސް ވިސްނާލުން ރަނގަޅު މާއްދާއެކެވެ. ގައުމުގެ ކުރިމަގު ބިނާކުރުމަށް މިއީ އެޅޭނެ ބުރަދަން ހުރި ފިޔަވަޅެކެވެ.